Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ކޯލިޝަން މަޝްވަރާ އަށް ޤާސިމްގެ އަރިހަށް އިމްރާން

ޤާސިމް އިބްރާހިމް އަދި އިމްރާން އަބްދުﷲ-

އަދާލަތު ޕާޓީގެ ލީޑަރު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމްއާ ބައްދަލުކުރައްވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިމްރާން ޤާސިމްއާ ބައްދަލުކޮށްފައިވަނީ ރިޔާސީ އިންތިހާބާ ގުޅޭގޮތުންނެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ސަން އައިލެންޑްގައެވެ.

އިމްރާން ރައީސްކަން ކުރައްވާ އަދާލަތު ޕާޓީން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ކޯލިޝަން ހެދުމަށް ނިންމާފައެވެ. އެހެންނަމަވެސް ޖޭޕީގެ ގައުމީ ކޮންފަރެންސްގައި ނިންމާފައިވަނީ ރިޔާސީ އިންތިހާބުގައި އެޕާޓީން ނިކުތުމަށެވެ. އެހެންނަމަވެސް އެކަމާ މެދު ގޮތެއް ނިންމާނީ ޖޭޕީގެ ކައުންސިލުންނެވެ.

ރައީސް ސޯލިހްގެ ފަރާތުން ވެސް ޤާސިމްއާ ބައްދަލުކުރެއްވިއިރު ރައީސް ސޯލިހާވެސް މިފަހުން ޤާސިމް ބައްދަލުކުރައްވާފައިވެއެވެ. އަދި ރައީސް ނަޝީދުގެ ފަރާތުންވެސް ޤާސިމާއެކު ބައްދަލުވުންތައް ކުރިއަށްގެންދެވިއެވެ.

ސިޔާސީ އެކިފަރާތްތަކުން މިފަހުން ބުނަން ފަށާފައިވަނީ ޤާސިމް ރައީސް ނަޝީދާއެކު ރިޔާސީ އިންތިހާބަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

ރައީސް ސޯލިހާ މިހާތަނަށް ކޯލިޝަން ހަދާފައިވަނީ އަދާލަތު ޕާޓީއާއި އެމްޑީއޭއިންނެވެ.