Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ޤާސިމް ގޮތެއް ނިންމާނީ ގައުމާ މެދު ވިސްނާފައި: އިމްރާން

ފޮޓޯ: ރައީސް އޮފީސް

ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް ރިޔާސީ އިންތިހާބާމެދު ގޮތެއް ނިންމާނީ ގައުމީ މަސްލަހަތާމެދު ވިސްނާފައިކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޤާސިމް އިބްރާހިމާއެކު ކުރިއަށްގެންދިޔަ މަޝްވަރާތަކަށްފަހު ކުރެއްވި ޓްވީޓެއްގައި އިމްރާން ވިދާޅުވީ ޤާސިމް ރިޔާސީ އިންތިހާބާމެދު ގޮތެއް ނިންމަވާނީ ގައުމުގެ ހަމަޖެހުމާއި، ރައްޔިތުންގެ މަސްލަހަތަށް ވަރަށް ބޮޑަށް ވިސްނަވާފައި ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.

އިމްރާން ޤާސިމްއާ ބައްދަލުކޮށްފައިވަނީ ރިޔާސީ އިންތިހާބާ ގުޅޭގޮތުންނެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ސަން އައިލެންޑްގައެވެ.

އިމްރާން ރައީސްކަން ކުރައްވާ އަދާލަތު ޕާޓީން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ކޯލިޝަން ހެދުމަށް ނިންމާފައެވެ. އެހެންނަމަވެސް ޖޭޕީގެ ގައުމީ ކޮންފަރެންސްގައި ނިންމާފައިވަނީ ރިޔާސީ އިންތިހާބުގައި އެޕާޓީން ނިކުތުމަށެވެ. އެހެންނަމަވެސް އެކަމާ މެދު ގޮތެއް ނިންމާނީ ޖޭޕީގެ ކައުންސިލުންނެވެ.

ސިޔާސީ އެކިފަރާތްތަކުން މިފަހުން ބުނަން ފަށާފައިވަނީ ޤާސިމް ރައީސް ނަޝީދާއެކު ރިޔާސީ އިންތިހާބަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

ރައީސް ސޯލިހާ މިހާތަނަށް ކޯލިޝަން ހަދާފައިވަނީ އަދާލަތު ޕާޓީއާއި އެމްޑީއޭއިންނެވެ.