ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނު ކުރުމަށް ނިންމާފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހުށަހަޅައިފިއެވެ.
މިމައްސަލަ ޖުޑިޝަރީ ކޮމިޓީއަށް ހުށަހަޅާފައިވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް އާދަމް ޝަރީފް ފޮނުއްވި ސިޓީގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަލީ ރަޝީދު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފުރަތަމަ ކުރި ހުކުމާ ވިދިގެން ސުޕްރީމް ކޯޓުގެ ފަނޑިިޔާރަކަށް އައްޔަނުކޮށްފައިވާ ކަމަށެވެ. އަދި ރައީސް ޔާމީނަށް ދެވަނައަށް ހުކުމް ކުރި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ދިވެހިރާއްޖޭގެ ހައިކޯޓަށް އައްޔަނު ކުރުމަށް ޖޭއެސްސީން ނިންމާފައިވާ ކަމަށެވެ.
ސިޓީގައި ބުނެފައިވަނީ މި ގާޒީންނަށް އިސް މަގާމުތައް ދިނުމަކީ ރައީސް ޔާމީންގެ މައްޗަށް އަނިޔާވެރިވުމަށް ސަރުކާރުން ހިތްވަރު ދެމުންދާކަން ވަރަށް ސާފުކޮށް އެނގޭކަމެއް ކަމަށެވެ. އަދި މިކަމަކީ ޝަރުއީ ނިޒާމަށް ރައްޔިތުންކުރާ އިތުބާރަށް ބުރުއަރާނެ ކަމެއް ކަމަށެވެ.
ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާކަން ފާހަގަކޮށް ސިޓީގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުން އެ ހުކުމްކުރި އިސްގާޒީ ހައިކޯޓުގެ މަގާމަކަށް އައްޔަނުކުރުމަކީ، ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަށް އިންސާފު ލިބުމަށް ހުރަސްއެޅޭނެ ކަމެއް ކަމަށެވެ. އަދި މިކަމުގައި ކޮރަޕްޝަން ހިމެނޭކަމަށް ބެލުމުގެ ފުރުސަތު އޮތްކަމެއް ކަމަށް ދެކޭކަމަށެވެ.
އެހެންކަމުން މި ކަންކަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ މެދުވެރިކޮށް ބެއްލެވުމަށް އާދަމް ޝަރީފް އެދިފައިވެއެވެ.