ބީއެމްއެލް އެޕް މެދުވެރިކޮށް ކުރާ މުއާމަލާތްތަކުގެ ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ހުރިހާ ކިއުއާރު ޕޭމަންޓްތަކަށްވެސް ވަން ޓައިމް ޕާސްވޯޑްސް (އޯޓީޕީސް) ބޭނުންކުރަންޖެހޭ ގޮތަށް ބޭންކް އޮފް މޯލްޑިވްސް އިން ހަމަޖައްސައިފި އެވެ.
ބީއެމްއެލް އިން ބުނީ އެޕް އަޕްޑޭޓް ކުރުމާއެކު، ބީއެމްއެލް މޯބައިލް ބޭންކިންގ އެޕް އިން ކަސްޓަމަރުންކުރާ ކޮންމެ އަދަދެއްގެ 'ސްކޭން ޓު ޕޭ' ޓްރާންސެކްޝަންތަކަށް އޯތެންޓިކޭޓަރ، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ލިބޭ އޯޓީޕީ ޖަހަންޖެހޭ ގޮތަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
އާންމުކޮށް ހިނގަމުން އަންނަ ސްކޭމްތަކުން ކަސްޓަމަރުން ރައްކާތެރި ކުރުމަށް ބޭންކުން އަންނަނީ ގިނަގުނަ މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން 2022 ވަނަ އަހަރުގެ ޑިސެންބަރު މަހުގައި، ބޭންކުގެ އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް ބޭންކިންގ ހިދުމަތް މެދުވެރިކޮށް ކުރާ ހުރިހާ މުއާމަލާތްތަކަށް ބޭނުންވާ އޯޓީޕީ އޮތެންޓިކޭޓަރ އެޕް މެދުވެރިކޮށް ޖެނެރޭޓްކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ. މިއީ އީމެއިލް ކޮންޕްރަމައިޒްވެފައިވާ ހާލަތްތަކުގައިވެސް ކަސްޓަމަރުންނަށް އިތުރު ރައްކާތެރިކަމެއް ދިނުމުގެ ގޮތުން އެޅުނު ފިޔަވަޅެއް ކަމަށް ބީއެމްއެލް އިން މައުލޫމާތުދެ އެވެ.
ބީއެމްއެލް އިން ބުނީ ސެކިއުރިޓީ ފީޗަރސްތައް އިތުރަށް ހަރުދަނާ ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކެއް މި މަސް ނިމުމުގެ ކުރިން ތައާރަފްކުރާނެ ކަމަށެވެ. އެގޮތުން ސްކޭމްތައް ހިންގާ ފަރާތްތަކުން އެމީހުންގެ އުކުޅުތައް އެކި ދުވަސްވަރު އެކި ގޮތްގޮތަށް ބަދަލަކުރަމުން އަންނައިރު، ބޭންކުން ކަސްޓަމަރުންގެ ފަރާތުން ތަކުރާރުކޮށް ސްކޭމް އުކުޅުތައް ދެނެގަނެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ބޭންކުން ވަނީ އެދިފަ އެވެ.