Last Updated: July 26, 18:11
Monday, July 27, 2026
މުނިފޫހިފިލުވުން

އިމްތިއާޒްގެ ފިލްމު ޕަރިނީތީ އަށް ވަަރަށް ހާއްސަ

ޑައިރެކްޓަރު އިމްތިއާޒް އަލީގެ ފިލްމު "ޗަމްކީލާ" އިން ފުރުސަތު ލިބުމަކީ މިހާތަނަށް ފިލްމީ މަސައްކަތުގައި ކުރި އެންމެ ހިތްގައިމު ތަޖުރިބާ ކަމަށާއި އޭގެ ސަބަބުން ހަޔާތަށް ބޮޑު ބަދަލެއް ވެސް އަތުވެއްޖެ ކަމަށް ބަތަލާ ޕަރިނީތީ ޗޯޕްޅާ ބުނެފި އެވެ.

ދިލްޖީތު ދޮސަންޖް ޓައިޓްލް ރޯލު ފެންނާނެ ފިލްމުގެ ޝޫޓިން ނިންމައި ޕަރިނީތީ އިންސްޓްގްރާމް ސްޓޯރީގައި އާންމުކުރި ޕޯސްޓެއްގައި ވަނީ "ޗަމްލީކާ" ގެ މުޅި ޓީމު ވެސް ވަރަށް ބަރާބަރު ކަމަށެވެ.

"ޕަންޖާބުގައި މީގެ ޝޫޓިން ކުރިއަށް ކުރިއަށް އުފާވެރިކޮށް، ވަރަށް އޮމާންކޮށް. އަދި މި ފިލްމަށް ކުރި މަސައްކަތަކީ މެޑިޑޭޓަޝަނެއް ކަހަލަ ކަމެއް." ޕަރިނީތީ ބުންޏެވެ.

އޭނަ ބުނި ގޮތުގައި "ޗަމްކީލާ" އަށް ކުރި މަސައްކަތަކީ ދުވަހަކު ވެސް ހަނދާން ނައްތައިނުލެވޭނެ ކަމެކެވެ. މިއީ އިމްތިއާޒްގެ ފިލްމެއްގައި ޕަރިނީތީ އާއި ދިލްޖީތު ވެސް މަސައްކަތްކުރި ފުރަމަ ފަހަރެވެ. "ޖަބް ވީ މެޓް" އާއި "ރޮކްސްޓާ" އަދި "ލަވް އާޖް ކަލް" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން އިމްތިއާޒްގެ އެންމެ ފަހުގެ ފިލްމަކީ ދެވަނަ ފަހަރަށް 2020 ގައި ގެނެސްދިން "ލަވް އާޖް ކަލް" އެވެ.

އޭނަގެ އާ ފިލްމު "ޗަމްކީލާ" އަކީ ޕަންޖާބުގެ ކުރީގެ ލަވަކިޔުންތެރިޔާ އަމަރު ސިންގް ޗަމްކީލާގެ ވާހަކަ ކިޔައިދޭނެ ބައޮގްރަފިކަލް ޑްރާމާއެކެވެ. މީގައި ޕަރިނީތީ ފެންނާނީ ޗަމްކީލާގެ އަންހެނުން އަމަރްޖޯތުގެ ރޯލުންނެވެ. ޗަމްކީލާ އާއި އަންހެނުންނާއި އެ މީހުންގެ ބޭންޑްގެ އިތުރު ދެ މީހަކު މަރާލީ 1988 ގަ އެވެ.

"ޗަމްކީލާ" އަށް ޕަރިނީތީ ސޮއިކުރީ ރަންބީރް ކަޕޫރާ އެކީ ކުޅެން ލިބުނު ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ ޑާކް ތުރިލާ "އެނިމަލް" ދޫކޮށްލުމަށް ފަހު އެވެ.