އައްޑޫ ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓްރޫން ބުނެފި އެވެ.
އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މި މަޝްރޫއުގެ އެއްބަސްވުމުގައި އިއްޔެ ވަނީ ރަސްމީކޮށް ސޮއި ވެސް ކޮށްފަ އެވެ. ގާތްގަނޑަކަށް 29.7 މިލިއަން މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް އަންދާޒާކޮށްގައިވާ ގަން އެއާޕޯޓް މަޝްރޫއު ހަވާލުކުރީ އިންޑިއާގެ ރެނާޓަސް ކުންފުންޏާ އެވެ.
މި މަޝްރޫއާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު އިޢާދު ޙަމީދު ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވިދާޅުވީ ކުރިއަށް އޮތް މަހެއް ދެމަހެއްގެ ތެރޭގައި ރެނާޓަސް މަސައްކަތު ސައިޓުގައި މޮބިލައިޒްވާނެ ކަމަށެވެ.
އޭނަ ވިދާޅުވީ މަޝްރޫޢުގެ ޓައިމްލައިން ކަނޑައަޅާފައި ވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށް ކަމަށެވެ. އެހެންކަމުން 2025 ވަނަ އަހަރުގެ ކުރީކޮޅަށް މަސައްކަތް ނިމި، ގަން އެއާޕޯޓް ހަގީގީ އިންޓަރނޭޝަނަލް އެއަޕޯޓަކުން ލިބޭނެ ޚިދުމަތްތަކާއި ވަސީލަތްތައް ލިބެން ފަށާނެ ކަމަށް ވިދާޅުވި އެވެ.
"މި މަޝްރޫޢުގެ މަސައްކަތް ރާވާފައި މި ވަނީ އެއާޕޯޓުގެ އޮޕަރޭޝަނަށް ބުރުލެއް ވެސް ނާނަން ގޮތަށް.، މާނައަކީ އެއާޕޯޓު އޮޕަރޭޝަން ހުއްޓާނުލާ ކުރިއަށް ދެވޭނެ ގޮތަށޭ މަސައްކަތްތައް ރާވާލެވިފައި ވާނީ،" އިޔާދު ވިދާޅުވި އެވެ. "އެހެންވީމަ މަޝްރޫޢާ ގުޅިގެން އައްޑޫގެ ކަނެކްޝަނަކަށް އެއްވެސް ބުރުލެއް ނާރާނެ. ހަމައެހެންމެ އެއާޕޯޓު ފުލީ އޮޕަރޭޝަނަލްކޮށް ބާއްވައިގެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދާނީ."

ގަން އެއާޕޯޓް ތަރައްގީ ކުރަނީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ފެންވަރަށެވެ. އެގޮތުން ޒަމާނީ ޕެސެންޖަރ ޓާމިނަލްއަކާއި ޑިއުޓީ ފްރީ ފިހާރަތަކާއި، ރެސްޓޯރެންޓްތަކާއި، ލައުންޖްތަކާއި، އެހެނިހެން ވަޞީލަތްތައް ވެސް އެތަނުގައި ގާއިމުކުރާނެ އެވެ. މީގެ އިތުރުން ކޯލްޑް ސްޓޯރޭޖަކާއެކީ ކާގޯ ވަސީލަތްތަކާއި، ކޮންޓްރޯލް ޓަވަރ އަދި ފަޔަރ ސްޓޭޝަނާއި، މަގުތަކާއި ޕާކިން ސަރަޙައްދުތައް ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެ އެވެ.
މިހާރު 80 އަހަރުވެފައިވާ ގަން އެއާޕޯޓަކީ ރާއްޖޭގައި ތަރައްގީކުރި ފުރަތަމަ އެއާޕޯޓެވެ. އެ އެއާޕޯޓް ތަރައްގީކުރީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ގަމުގައި އިނގިރޭސީން ތިބި އިރު އެވެ.