އަނިޔާގެ ސަބަބުން ޕީއެސްޖީގެ ބްރެޒިލް ފޯވާޑް ނޭމާ އަށް ސީޒަން ނިމިއްޖެ އެވެ.
ނޭމާ ،31، ފައިގެ ކުޑަހުޅަށް އަނިޔާވީ މިދިޔަ މަހު ފްރެންޗް ލީގުގައި ލިލް އަތުން 4-3 އިން ޕީއެސްޖީ މޮޅުވި މެޗުގަ އެވެ.
ޕީއެސްޖީން ބުނީ އެ އަނިޔާގެ ސަބަބުން ނޭމާ އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށާއި އަލުން އެނބުރި ކުޅުމުގެ ތެރެއަށް އެނބުރި އަންނަން ތިނެއް ނުވަތަ ހަތަރު މަސް ނަގާނެ ކަމަށް ބެލެވޭ ކަމަށެވެ.
ފާއިތުވި އަހަރުތަކުގައި އަނިޔާގެ ގިނަ މައްސަލަތަކެއް ނޭމާ އަށް ކުރިމަތިވެފައިވެ އެވެ. އެގޮތުން އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގައި ލިބުނު އަނިޔާއެއްގެ ސަބަބުން ވެސް ނޭމާ އަށް މެޗުތަކެއް ގެއްލިފައިވެ އެވެ.
މި ސީޒަނުގައި ޕީއެސްޖީ އަށް 13 ގޯލު ނޭމާ ކާމިޔާބުކޮށްދީފައިވާ އިރު ޕީއެސްޖީ މިވަގުތު އޮތީ ފްރެންޗް ލީގުގެ އެއްވަނައިގައި 8 ޕޮއިންޓުގެ ލީޑަކާއެކު އެވެ. ޕީއެސްޖީ މާދަމާ ރޭ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަ ލެގުގައި ބަޔާން މިއުނިކާ ދެކޮޅަށް ނިކުންނާނެ އެވެ. ޕީއެސްޖީގެ ދަނޑުގައި މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 1-0 އިން ކާމިޔާބު ކުރީ ބަޔާނުންނެވެ.