ފުލުހުން ޓޭޒަރ ގަން ބޭނުން ކުރަން ފަށާއިރު ޓޭޒަރ ގަން ބޭނުން ކުރޭވޭނެ ހާލަތްތައް ކަނޑައަޅައި ޓޭޒަރ ގަން ބޭނުން ކުރުމުގެ އުސޫލު ފުލުހުން އާންމުކޮށްފި އެވެ.
ފުލުހުންގެ ތެރޭގައި ގާއިމުކުރެވިފައިވާ ހައިވިޒިބިލިޓީ ޕޮލިސިން ޑިޕާޓްމަންޓުގެ ފުލުހުން ހަރަކާތްތެރިވާއިރު މިހާރު ޓޭޒަރ ގަން ބޭނުން ކުރާނެއެވެ. ޓޭޒަރ ގަން ބޭނުން ކުރަން ފެށިއިރު ޓޭޒަރ ބޭނުން ކުރާނެ ހާލަތްތަކާއި ބޭނުން ކުރުމަށް ހުއްދަ ލިބޭ އުސޫލާއި އަދި ބޭނުން ކުރާނެ ގޮތް ބަޔާން ކުރާ އުސޫލެއް ފުލުހުން ވަނީ އެކުލަވާލައި އާންމުކޮށްފައެވެ. އަދި މިއުސޫލު މިހާރު ފުލުހުންގެ ދިވެހި ފުލުހުންގެ ވެބްސައިޓު މެދުވެރިކޮށް ބަލާލެވޭނެއެވެ.
ޓޭޒަރ ގަން ބޭނުން ކުރާ އުސޫލު އާންމުކޮށްފައިވާއިރު، އުސޫލުގައިވާގޮތުން ޓޭޒަރ ބޭނުން ކުރެވޭނީ 6 ހާލަތެއްގައެވެ. މިހާލަތްތަކުގެ ތެރޭގައި، އެ މީހެއްގެ ސަބަބުން ބައެއް މުދަލަށް ނުވަތަ ބަޔަކަށް ޖިސްމާނީ އަނިޔާއެއް ލިބިދާނެ ފަދަ ހާލަތްތަކާއި، މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅޭ ފަދަ ޢަމަލު ކުރާ ހާލަތާއި، އެނޫން ގޮތަކަށް އެމީހަކުގެ ނުހުއްޓުވޭނެ ކަން ޔަަޤީންވާ ފަދަ ހާލަތެއްގައިއާއި އޭގެ އިތުރުން ފުލުހުން ބަލަހައްޓަމުންދާ ސަރަހައްދަކަށް ގަދަކަމުން ވަދެގަތުމަށް މަސައްކަތް ކުރާ ހާލަތު ހިމެނެއެވެ. މީގެ އިތުރުން އަމިއްލަ ނަފްސައް އޭނާގެ ފުށުން ގެއްލުމެއް ލިބިދާނެ ފަދަ ހާލަތާއި ޓެރަރިޒަމް އަމަލުތައް ހުއްޓުވުމަށް ހިންގާ އޮޕަރޭޝަންތަކުގައި ބޭނުން ކުރެވޭނެއެވެ.
މިއިން ކޮންމެ ހާލަތެއްގައިވެސް ޓޭޒަރ ބޭނުން ކުރާއިރު އެ ބޭނުން ކުރާ ފުލުސް މީހާ އަބަދުވަސް ބޯޑީ ވޯން ކެމެރާ ބޭނުން ކުރާނެއެވެ. އަދި ފުލުހުން ގެންގުޅޭ ޓޭޒަރ އަކީ އެގްޒޯން ކުންފުނީގެ ޓޭޒަރ ތަކެއް ކަމުން ބޭނުން ކުރާ އިރު ވަގުތުން ވަށައިގެން ތިބި ހުރިހާ ބޮޑީ ކެމެރާތަކުން މަންޒަރު ރެކޯޑުވާނެއެވެ. މީގެ އިތުރުން ޓޭޒަރ ބޭނުން ކުރާ ކޮންމެ ފަހަރު ލޮގް ކުރެވޭނެ ކަމަށާއި މިއީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް އެންކްރިޕްޓް ކުރެވި ބަދަލު ނުގެނެވޭނެ ފަދަ ލޮގްތަކެއް ކަމަށް ފުލުހުން ހާމަކުރެއެވެ.

މީގެ އިތުރުން ޓޭޒަރ ބޭނުން ކުރުން މަނާ 12 ހާލަތެއް އުސޫލުގައި ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި މަސްތުގެ ހާލަތުގައި ހުރިމީހާއާއި، ބުއްދި ފިލައި ގޮސް ހުރިމީހާއި އުމުރުން ދުވަސްވީ މީހާއާއި، ކުޑަ ކުއްޖަކަށް އަދި ދުއްވާފައި ދާ އުޅަނދެއްގައި ހުރި މީހާގެ އިތުރުން އެނޫން ބައެއް ހާލަތްތަކުގައި ޓޭޒަރ ބޭނުން ނުކުރެވޭނެ ކަމަށް ފުލުހުން ބުނެއެވެ.
މި ހާލަތްތަކުގައި ޓޭޒަރ ބޭނުން ކުރާއިރު ފުލުހުން ސާފުކޮށް އެމީހަކަށް ޓޭޒަރ ބޭނުން ކުރުމުގެ ކުރިން އިންޒާރު ދޭން ޖެހެއެވެ. މިގޮތުން ޓޭޒަރ ބޭނުންކުރުމުގެ ކުރިން، ގާނޫނީގޮތުން ފުލުހުން އަންގާ ކަމަކަށް އެއްބާރުލުން ދިނުމަށް ނަސޭހަތްދީ އިންޒާރުކުރުމާއި ޓޭޒަރ ބޭނުންކުރާނެކަމާ އަދި އެއްބާރުލުން ނުދިނުމުގެ ސަބަބުން ލިބޭ ގެއްލުމެއްގެ ޒިންމާ އެ މީހަކު އުފުލަންޖެހޭނެކަން އެންގުމާއެކު "ޓޭޒަރ ކުރަނީ" މިހެން މަދުވެގެން 3 (ތިނެއް) ފަހަރަށް ސާފުކޮށް އަޑުއިވޭވަރަށް ފުލުސް މީހާ ބުނަން ޖެހެއެވެ.
ފުލުހުން ހަތިޔާރު ބޭނުން ކުރާއިރު މީހެއްގެ ފުރާނައަށް ނުރައްކާވާ ފަދަ ގުނަވަކަށް އަމާޒުކޮށް ހަތިޔާރު ބޭނުން ނުކުރެވޭނެއެވެ.
މީގެ އިތުރުން ފުލުހުން މި ޓޭޒަރ ބޭނުން ކުރަން ހުއްދަ ދެވިފައިވާ ފުލުހުންނަކީ ތަމްރީނު ލިބި އަދި އަމިއްލަ ނަފްސަށް ޓޭޒަރ ބޭނުންކޮށް ތަޖަރިބާ
ލިބިފައިވާ ފުލުހުންނަށެވެ. އަދި މިއާއެކު މި ތަމްރީނަށް ފަހުވެސް ހުއްދަ ދެމެހެއްޓުމަށް އަހަރު އެއްފަހަރު ރިފްރެޝަރ ޕްރޮގްރާމުގައި ބައިވެރިވާން ޖެހެއެވެ.
ޓޭޒަރ ބޭނުންކުރުމުން އެވަގުތު އެމީހެއްގެ ހަށިގަނޑަށް އެ ލިބޭ ޝޮކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރަނގަޅުވެގެންދާނެއެވެ. އެއީ މީހާގެ ހަށިގަނޑަށްލިބޭ ދާއިމީ ގެއްލުމެއް ނޫނެއެވެ. އަދި އެ ބޭނުން ކުރުމަށް ފަހު އެމީހަކަށް ބޭނުންވާ އާފްޓަރ ކެއަރ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ފަހު ދޭން ޖެހޭނެއެވެ.
ޓޭޒަރ ސުމާޓް އެނާޖީ ޑިވައިސްއަކީ ދުނިޔޭގެ އެންމެ ފުޅާ ދާއިރާއެއްގައި ދިރާސާ ކުރެވިފައިވާ ލެސްލީތަލް ހަތިޔާރެވެ. އެގޮތުން 850 އަށްވުރެ ގިނަ މިނިވަން ދިރާސާ ކޮށްފައިވެއެވެ. ޓޭޒަރ އަކީ އެހެން ލެސްލީތަލް ފޯސްތަކާ އަޅައިބަލާއިރު އެންމެ ރައްކާތެރި އާލާތެވެ. އެގޮތުން ޕެޕަރ ސްޕްރޭ ބޭނުން ކުރެވޭ މީހަކަށް އޭގެ އަސަރު ފިލައިގެންދާން ދެތިން ގަޑިއިރުން ފެށިގެން އެއް ދުވަހާ ހަމަޔަށް ވަގުތު ނަގާއިރު ޓޭޒަރ ބޭނުންކުރެވޭ މީހަކަށް އޭގެ އަސަރު ފިލައިގެންދާން ނަގާނީ މިނެޓެއް ހާއިރުކަމަށް ފުލުހުން ފާހަގަ ކުރެއެވެ.