Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ގުރައިދޫ ދާއިރާ އަށް ޕީޕީއެމުން ޕްރައިމަރީއަކަށް

ގުރައިދޫ ދާއިރާގެ މަޖިލީހުގެ ހުސްވެފައިވާ ގޮނޑި އަށް މެމްބަރަކު ހޮވަން ބާއްވާ ބައި-އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކަށް ހޮވުމަށް ޕްރައިމަރީ އަށް ހުޅުވާލައިފި އެވެ.

ޕީޕީއެމުން ބުނީ ވާދަކުރަން ޝައުގުވެރިވާ މީހުންނަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދު މެންދުރު ފަހު 2:30 އާ ހަމައަށް އޮންނާނެ ކަމަށެވެ. ޕްރައިމަރީ ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހު އެވެ.

ޕީޕީއެމުން ބައި-އިލެކްޝަނަށް ވާދަކުރާ އިރު، އެ ދާއިރާގެ ގޮނޑި ހުސްވީ އެ ޕާޓީ އަށް ނިސްބަތްވި މެމްބަރު އިބްރާހީމް ރިޒާ މިދިޔަ މަހުގެ 23 ގައި އަވަހާރަވުމާ ގުޅިގެންނެވެ. އޭނަ ވަނީ އެ ދާއިރާގެ ގޮނޑި 14 އަހަރަށް ވުރެ ގިނަ ދުވަހު އަދާކުރައްވައިފަ އެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ އަންނަ މަހުގެ 15 ގަ އެވެ. އަދި އެ އިންތިހާބަށް ކުރިމަތިލުމަށް ނަން ހުށަހަޅަން ފުރުސަތު ދީފައި ވަނީ މި މަހުގެ 13 އާ ހަމައަށެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށް ޕީއެމާއި އެމްޑީޕީގެ އިތުރުން އެމްއެންޕީން ވެސް ވާދަކުރާނެ އެވެ.

އެމްޑީޕީން ޕްރައިމަރީ އަށް ހުޅުވައިލުމުން ހަތަރު މީހަކު ނަން ހުށަހަޅާފައިވެ އެވެ.