Last Updated: July 26, 18:11
Monday, July 27, 2026
މުނިފޫހިފިލުވުން

"އެނިމަލް" އަށް ފަހު ރަންބީރް ބްރޭކަކަށް

މިދިޔަ އަހަރު ޝޫޓިން ފަށާފައި އޮތް ފިލްމު "އެނިމަލް" އަށް ފަހު، ދުވަސްކޮޅަކަށް ފިލްމީ މަސައްކަތްތަކުން ބްރޭކެއް ނަގާނެ ކަމަށް އެކްޓަރު ރަންބީރް ކަަޕޫރް ބުނެފި އެވެ.

އަންނަ ހުކުރު ދުވަހު ރިލީޒްކުރާ އޭނަގެ އާ ފިލްމު "މޭ ޖޫޓީ، ތޫ މައްކާރް" ގެ ޕްރޮމޯޝަންގެ ތެރެއިން ނިއުސް 18 އަށް ދިން އިންޓަވިއުއެއްގައި ބަތަލާ އާލިއާ ބަޓްގެ ފިރިމީހާ ބުނީ ބްރޭކެއް ނަގަން ބޭނުން ވަނީ ދަރިފުޅު ރާހާއާ އެކީ ވަގުތު ހޭދަކުރަން ކަމަށެވެ. ރަންބީރް ބުނި ގޮތުގައި ފިލްމީ މަސައްކަތްތަކުގައި ބިޒީކޮށް އުޅެން ޖެހުމުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 6 ގައި ވިހޭ ދަރިފުޅަށް އެކަށީގެންވާ ވަގުތެއް ނުދެވެ އެވެ.

"އެހެންވެ އެނިމަލް އަށް ފަހު ބްރޭކެއް ނަގާނަން." އޭނާ ބުންޏެވެ.

ރަންބިރް ބުނީ މި ވަގުތު އޭނަގެ އަތުގައި އޮތީ "އެނިމަލް" އާއި "ބްރައްމަސްތުރާ 2" އެކަނި ކަމަށެވެ. އަދި އިތުރު އެއްވެސް އާ ޕްރޮޖެކްޓަކަށް ސޮއިނުކުރާ ކަމަށް ބުންޏެވެ. "އެނިމަލް" އަކީ މި އަހަރުގެ އޮގަސްޓް 11 އަށް ތާވަލުކޮށްފައި އޮތް ފިލްމެކެވެ.

"އަވަސް އަރުވާލައިގެން އިތުރު ފިލްމުތަކަކަށް ސޮއިކުރާކަށް ބޭނުމެއް ވެސް ނޫން. ދަރިފުޅަށް އެބަޖެހޭ ވަރަށް ވަގުތު ދޭން. އެހެންވެ ހެޔޮ އަހަރަކަށް ގޭގައި އިންނަން ޖެހުނަސް." އޭނަ ބުންޏެވެ.

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ދޫމް 4" އާއި ޑައިރެކްޓަރު ނިތޭޝް ތިވާރީގެ "ރަމާޔަން" ހުށަހަޅާފައިވާ ކަމަށް ބުނާތީ އެކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން ރަންބީރް ބުނީ އޭގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.

"ނިތޭޝްގެ ފިލްމުގެ ވާހަކަ އަކީ ހަމަ ތުންތުންމަތިން ދެކެވޭ ވާހަކައެއް. އަހަންނަކަށް އެއަކުން އޮފާއެއް ނާދޭ. ދެން ދޫމް ހަތެރަކާ ބެހޭ ގޮތުން އެއްޗެއް ބުނަން އެނގޭނީ ވައިއާރްއެފަށް. އަހަރެން އުންމީދު ވެސް ކުރަން އެ ފިލްމުން ފުރުސަތެއް ލިބޭނެ ކަމަށް. ވަރަށް ކުޅެލާ ހިތްވާ ކަހަލަ ފިލްމެއް އެއީ." ރަންބީރް ބުންޏެވެ.

އަޑުތައް އަރާފައިވާ ގޮތުން "ތޫ ޖޫޓީ، މޭ މައްކާރް" ގެ ޑައިރެކްޓަރު ލަވް ރަންޖަންގެ އިތުރު ދެ ފިލްމަކަށް ވެސް ރަންބީރާ އެކީ މަޝްވަރާތަކެއް ކުރެވިފައިވެ އެވެ.