Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ޕާޓީ ނިޒާމު ގިނަ ބަޔަކު ބަލައިގެންފި: އީސީ

ރާއްޖޭގައި ވޯޓްލެވޭ އާބާދީގެ ގިނަ ބަޔަކު މިހާރު ޕާޓީގެ ނިޒާމު ބަލައިގެންފި ކަމަށާއި އޭގެ ތެރެއިން ގިނަ ބަޔަކު އުޅެނީ ވެސް ސިޔާސީ ޕާޓީތަކުގައި ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު އާންމުކުރެއްވި ތަފާސްހިސާބުތަކެއް ދައްކާ ގޮތުން ރާއްޖޭގެ ވޯޓްލެވޭ އާބާދީގެ 58 މީހުންނަކީ މިހާރު ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މީހުންނެވެ. އެއީ 162،935 މީހުންނެވެ. އެއްވެސް ޕާޓީއެއްގައި ނޫޅެނީ ވޯޓް ލެވޭ އާބާދީގެ 42 ޕަސެންޓެވެ. އެއީ 120،337 މީހުންނެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީތައް 2005 ގައި އުފެދި، ގިނަ ޕާޓީތައް ވާދަކުރާ އިންތިހާބުތައް ބާއްވަން ފެށީ 2008 ގެ ފަހުންނެވެ. އަދި ރާއްޖެ އަކީ އާބާދީގެ ނިސްބަތުން ބަލާ އިރު، ސިޔާސީ ޕާޓީތައް ގިނަ ވެސް ގައުމެކެވެ. ފަސް ލައްކައެއްހާ މީހުންގެ އާބާދީއެއް އޮތް ރާއްޖޭގެ އެންމެ ބޮޑެތި ޕާޓީތަކަކީ އެމްޑީޕީ އާއި ޕީޕީއެމާއި ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީ އެވެ.

މީގެ އިތުރުން އެމްއާރްއެމާއި އެމްޑީއޭ އާއި ޕީއެންސީ ފަދަ ޕާޓީތަކަކީ ވެސް ރާއްޖޭގެ ސިޔާސީ މަސްރަހުގައި ނަގާ ކިޔާ ޕާޓީތަކެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 9 ގައި ބާއްވަން އީސީން ތައްޔާރީތައް ވަމުން އަންނަ އިރު، ކޯލިޝަން ހަދައިގެންނާއި މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ވެސް ވާދަކުރަން ބައެއް ބޭފުޅުން ވަނީ އިއުލާންކުރައްވައިފަ އެވެ. މި އަހަރުގެ އިންތިހާބުވައި ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 283،272 މީހުންނެވެ.