Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އިމްރާންގެ އިންޒާރު: ޑްރަގް ނެޓްވޯކްތަކާ ގުޅޭ މީހުން ދުރަށްޖެހޭ

މިނިސްޓަރު އިމްރާން އަބްދުﷲ- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޑްރަގް މައްސަލަތަކާ ގުޅޭ ދައުލަތުގެ އެކި މަގާމުތަކުގައި ތިބި މީހުން ދުރަށް ޖެހެން ޖެހޭކަމަށާއި އެމީހަކާ އަރާހަމަކުރުމުން ފަހަތަށް ނުޖެހޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންނަށް ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވަނީ ޑްރަގް މައްސަލަތަކުގައި ބަންދުގައި ތިބި ބައެއް މީހުން މިނިސްޓަރަށް އިނގިގެން ދޫކޮށްލާ ކަމަށް ތުހުމަތުކުރެވޭ މައްސަލައި މިނިސްޓަރު އިމްރާނާ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކާއި ގޭންގް މައްސަލަތަކުގައި ބައިވެރިވާ ފަރާތްތަކަށް މިނިސްޓަރުގެ ފަރާތުން އެއްވެސް ލުޔެއް ނުލިބޭނެ ކަމަށެވެ. އަދި އެފަދަ އެއްވެސް މީހެއްގެ ކުރިމަތީގައި ތިރިނުވާނެ ކަމަށެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ޑްރަގް މައްސަލަތަކާއި ގޭންގް މައްސަލަތައް ހައްލުކުރުމަށް ފުލުހުންނާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވޭ ކަމަށާއި އެގޮތުން ފަހުން ހިނގާފައިވާ ބައެއް ބޮޑެތި މައްސަލަތައް އިތުރަށް ދިރާސާކުރަމުންދާ ކަމަށެވެ.

މިނިސްޓަރު އިމްރާންވަނީ ޑްރަގްގެ ބޮޑެތި ނެޓްވޯކްތަކާ ސިޔާސީ ބައެއް މީހުންނާއި، ބައެއް ވިޔަފާރިވެރިންނާ ގައުމުގެ މުއައްސަސާތަކުގެ ބައެއް އިސްވެރިންނާ ގުޅުން އޮތްކަމަށް މީގެކުރިން ވިދާޅުވި ވާހަކަ ތަކުރާރު ކުރައްވާފައެވެ.

"އަޅުގަނޑު މިއަދުވެސް ދަންނަވާލަންބޭނުން، މިމަސައްކަތް ކުރިއަށްގެންދާއިރު އެއްވެސް ބޭފުޅަކާ އަރާހަމަކުރާނަމަ އަޅުގަނޑު ފަހަތަކަށް ނުޖެހޭނަން، އެކަމަށް ހުރިހާ ބޭފުޅުން ސަމާލުވުމަށް އަޅުގަނޑު މިއަދު ވަރަށް ސާބިތުކަމާއެކު ދަންނަވަން. ހުރިހާ ބޭފުޅުން ފެޔަށް ޖެހިވަޑައިގަންނަވާ." އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ މިފަދަކަމެއްގައި ދައުލަތުގެ އެއްވެސް އެއްވެސް އިސްވެރިއަކު ބައިވެރިވުމަކީ ދައުލަތަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

މީގެއިތުރުން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ މިފަދަ ބައެއް ކަންކަމުގެތެރޭގައި ފުލުހުންވެސް ހިމެނޭ ކަމަށާއި އެފަދަ ކިތަންމެ މީހަކު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. ވަކިކުރި ފުލުހުންގެ އަދަދު ހާމަކުރަންޖެހޭ ހިސާބަށް ދިއުމުން ހާމަކުރާނެ ކަމަށް ވިދާޅުވިއެވެ. އަދި ބައެއް ފުލުހުން ފުލުހުންނާމެދު ޝައްކު އުފެދުމުން އެމީހުން ޑީމޯޓް ކޮށްފައިވާ ކަމަށާއި އަދި ބައެއް ފަރާތްތައް އެފަދަ ކަންކަން ނުހިންގޭނެފަދަ ޔުނިޓްތަކަށްވެސް ބަދަލުކޮށްފައިވާ ކަމަށެވެ.

އިމްރާން ވިދާޅުވީ އެންމެ ސީރިއަސްކޮށް ބަލާ އެއްކަންތަކަކީ މިފަދަ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ފުލުހުން ތިބިތޯ ކަމަށާއި އެފަދަ ކަންކަމާމެދު ފިޔަވަޅު އަޅާކަމަށެވެ.