ޝަރީއަތް ނިމެންދެން ބަންދުގައި މިހާރު ތިބޭނީ ބޮޑެތި މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުވަނީ ވާނުވާގައި ބަންދުގައި ތިބޭ މީހުންގެ އަދަދު އިތުރުވާކަމަށް ބުނެ އެކަން ހައްލުކުރުމަށް ކުރާ މަސައްކަތް ސާފުކުރުމަށް ސުވާލު ކޮށްފައިވައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި މިހާރު ތިބޭނީ ގޭންގު މާރާމާރީތައް، މީހެއްގެ މަރާ ގުޅުން ހުރި މައްސަލަތައް، ޑްރަގުގެ ވިޔަފާރި ކުރުމުގެ މައްސަލަތައް ނުވަތަ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުންފަދަ ބޮޑެތި މައްސަލަތަކުގެ ތުހުމަތު ކުރެވޭ މީހުން ކަމަށެވެ.
ބޮޑެތި މައްސަލަތައް ފިޔަވާ ދެންހުންނަ ކުދި މައްސަލަތަކުގައި މިހާރު ޝަރީއަތް ނިމެންދެން މީހުން ބަންދުނުކުރާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ އެކަމުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކިރިޔާވެސް ދޫކޮށްލެވެން ހުރި މީހެއް ހުރިނަމަ ދޫކުރުމުގެ މަސައްކަތް ކުރާކަމަށް ވިދާޅުވިއެވެ.
ބޮޑެތި މައްސަލަތަކުގައި ބަންދުގައި ތިބޭ މީހުން ދޫކޮށްލުމަކީ އެއްވެސް ފަރާތަކުން ގަބޫލުކުރާނޭކަމެއް ނޫންކަން ފާހަގަކޮށް އިމްރާން ވިދާޅުވީ މިކަމުގެ ހައްލަކަށް އޮތީ އެފަދަ މީހުންގެ ޝަރީއަތް އަވަހަށް ނިމުން ކަމަށެވެ.