ގޭންގު ކުށްތައް މަނާކުރުމާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވަނީ ގޭންގު ކުށްތައް މަނާކުރުމާބެހޭ ޤާނޫނާމެދު ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިފަހުން ދެއްކެވި ވާހަކަތަކާ ގުޅޭގޮތުން މިނިސްޓަރު އިމްރާނާ ސުވާލު ކުރައްވާފައެވެ. އަދި އެ ގާނޫނު އިސްލާހު ކުރުމަށް މަސައްކަތްކުރެވޭތޯ ސުވާލު ކޮށްފައިވެއެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ ގޭންގު ކުށްތައް މަނާކުރުމާބެހޭ ޤާނޫނާ ގުޅޭގޮތުން ޕީޖީ ޝަމީމް ދެއްކެވި ވާހަކަތަކުގައި ވަރަށް ބުރަދަންހުރި ޕޮއިންޓްތަކެއް ހުރި ކަމަށެވެ. އެގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކުން ގޭންގު ކުށްތައް މަނާކުރުމާބެހޭ ޤާނޫނަށް އަމަލުކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
ގޭންގު ކުށްތައް މަނާކުރުމާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް މިދިޔަ އަހަރުން ފެށިގެން ކުރަމުން އަންނަކަމަށާއި އެ ގާނޫނަށް ހުށަހަޅާ އިސްލާހު މިއަހަރު މަޖިލީހަށް ހުށަހެޅޭނެކަމަށް ވިދާޅުވިއެވެ. އިމްރާން ވިދާޅުވީ އެ ގާނޫނަށް ގެންނަންޖެހޭ އިސްލާހު ގެނައުމަށް ކަމާ ގުޅޭ އިދާރާތަކާއެކު މަޝްވަރާ ކުރަމުންގެންދާ ކަމަށެވެ.
މިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަިއ ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ ގޭންގު ކުށްތައް މަނާކުރުމާބެހޭ ޤާނޫނު އޮތީ އެކަށީގެންވާ ގޮތަކަށް ނޫން ކަމަށެވެ. އަދި އެ ގާނޫނު އޮތީ ބޭނުންކުރެވޭ ގޮތަށް ނޫންކަމަށެވެ.