Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ގަން އެއާޕޯޓްގެ އިންޝުއަރެންސް ބީލަމަށް

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ އިންޝުއަރެންސްކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އިން ހިންގާ އެއާޕޯޓްގެ އަހަރު ދުވަހުގެ މުއްދަތަށް އިންޝުއަރެންސްކޮށްދޭން ޝައުގުވެރިވާ އިންޝުއަރެންސް ކުންފުނިތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 13 އާ ހަމައަށެވެ. އޭއައިއޭ އިން ބުނީ ގަން އެއާޕޯޓަށް ބޭނުންވާ އިންޝުއަރެންސް ޕޮލިސީތަކަކީ ޕްރޮޕަޓީ އޯލް ރިސްކް، ބިޒްނަސް އިންޓަރަޕްޝަން އިންޝުއަރެންސް އަދި ޓެރަރިޒަމް އިންޝުއަރެންސް ކަމަށެވެ.

މި އެއާޕޯޓް ތަރައްގީ ކުރަން ބޮޑު މަޝްރޫއެއް ވެސް ފެށުމަށް މިހާރު އަންނަނީ ތައްޔާރީތައްވަމުންނެވެ. ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ މަޝްރޫއު ހަވާލުކޮށްފައި ވަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ރެނާޓަސްއާ އެވެ. އެ ގައުމުގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މި މަޝްރޫއަށް ގާތްގަނޑަކަށް 29.7 މިލިއަން މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.

އަށްޑިހަ އަހަރުވެފައިވާ ގަން އެއާޕޯޓަކީ ރާއްޖޭގެ އެންމެ ދެކުނުގައި އޮތް އެއާޕޯޓެވެ. އަދި މިއީ ރާއްޖޭގައި ތަރައްގީކުރި ފުރަތަމަ އެއާޕޯޓެވެ.