ޤާނޫނުއަސާސީއާއި ޤާނޫނުތައް އެކި ފަރާތްތަކުން މާނަކުރާގޮތާމެދު ހުރި ކަންބޮޑުވުންތައް، އިބްރާހިމް އިސްމާއީލް (އިބުރާ) ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާ ހިއްސާކުރައްވައިފިއެވެ.
ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި ގާނޫނުއަސާސީ ޑްރާފްޓްކުރި ކޮމިޓީގެ މުގައްރިރުކަންވެސް ކުރެއްވި އިބުރާ މިއަދު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ކަންބޮޑުވުންތައް ހިއްސާކުރައްވަމުން މައިގަނޑުގޮތެއްގައި ފާހަގަކުރެއްވީ ޤާނޫނުއަސާސީގެ މާއްދާއަކާއި މަދަނީ އިޖުރާއަތުގެ ޤާނޫނަށް އަމަލުކުރުމުގައި ދިމާވާ ބައެއް ދަތިތަކާބެހޭ ވާހަކަތަކެވެ.
އެގޮތުން އިބްރާ ވަނީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) މާނަކުރުމުގައި ބަންޑާރަނައިބުގެ އޮފީހުން ކަންކުރާ ގޮތާމެދު އޮތް ކަންބޮޑުވުން ފާހަގަކުރައްވާފައެވެ.
ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވަނީ "މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެއެވެ." މިފަދައިންނެވެ.
އިބްރާ ވިދާޅުވީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އަކީ، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ) ގައި ބުނާ "ރައްޔިތުން މަޖިލީހުން ފާސްކުރާ ގާނޫނެއް ނުވަތަ ގާނޫނަކުން ބައެއް ވިޔަސް ގާނޫނު އަސާސީއާ ހިލާފުވޭތޯ ބެލުމާއި އެފަދަ މައްސަލަތަކުގައި ގޮތެއް ނިންމުގެ ބާރު ލިބިގެންވަނީ ހައިކޯޓަށާއި ސްޕްރީމް ކޯޓަށް" ކަމަށްބުނާ ވާހަކައަށް އޮތް ތަފުސީލެއް ކަމަށެވެ. އެހެންނަމަވެސް ބަންޑާރަނައިބުގެ އޮފީހުން ވެސް އަދި އެހެން ބޭފުޅުންވެސް 143 ވަނަ މާއްދާގެ (ރ) ވަރަށް ފުޅާދާއިރާއެއްގައި ބޭނުންކުރައްވާ، މާނަކުރައްވާ ކަމަށެވެ. ކޮމިޓީގައި ވާހަކަ ދައްކަވަމުން އިބްރާ ވަނީ އެ މާއްދާ ލިޔެވުނު ގޮތުގެ އިތުރު ތަފުސީލުތައްވެސް ދެއްވާފައެވެ.

މީގެއިތުރުން މަދަނީ އިޖުރާއަތުގެ ޤާނޫނާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިބްރާ މައިގަނޑުގޮތެއްގައިވަނީ އެ ގާނޫނަށް އަމަލުކުރުމުގައި ދިމާވާ ދަތިތައް ފާހަގަކުރައްވާފައެވެ. އަދި ބައެއް މާއްދާތައް ހުރިގޮތުން އިންސާފު ހޯދުމުގައި ލަސްވެ ދިގުލައިގެންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން މަދަނީ މައްސަލައެއްގައި ދައުވާއަށް ޖަވާބުދާރީވުމަށް 14 ދުވަސް އޮންނައިރު އެ މުއްދަތުގައި އިހުތިސޯސާގުޅޭ މައްސަލައެއް ނަގައިފިނަމަ، މައްސަލައިގެ ޖަވާބުނުދީ ދިގުދަންމާލެވޭގޮތަށް އިތުރު 14 ދުވަސް ލިބިގެންދާ ކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުންވެސް އިބުރާ ވަނީ ޤާނޫނުއަސާސީއާއި ބައެއް ޤާނޫނުތައް މާނަކުރެވި ދައުލަތުގެ އިދާރާތުން އަމަލުކުރަމުންދާގޮތުން ޤާނޫނުއަސާސީގެ އަސްލު ރޫހު ގެއްލޭކަން ފާހަގަކުރައްވާ އެކަންކަންވެސް ކޮމިޓީގެ މެންބަރުންނާ ހިއްސާކުރައްވާފައެވެ.
އިބުރާ ވިދާޅުވީ ގާނޫނުއަސާސީގައި ހުރި ވަރަށް އަސާސީ މަފްހޫމްތަކެއް ދައުލަތުގެ އިދާރާތަކަށް ސާފު ނުވާކަމަށާއި އެފަދަ މަފްހޫމްތައް ސާފު ކުރަން އިދާރާތަކުން މަސައްކަތް ވެސް ނުކުރާކަމަށެވެ. އަދި އެކަމުގެ ސަބަބުން ވަރަށް ގިނަ މައްސަލަތަކެއް ނިކުންނަކަމަށް ވިދާޅުވިއެވެ.