ކަލާސް ޗެނެލުން މިދިޔަ މަހު ނިންމައިލި "ބިގް ބޮސް" ސީޒަން 16 ގައި ވާދަކުރި ބައިވެރިންގެ ތެރޭގައި ހިމެނޭ ޓީވީ ތަރިން ކަމަށްވާ ޕްރިޔަންކާ ޗަހާރު ޗައުދަރީ އާއި އަންކިތު ގުޕްތާގެ ވީޑިއޯ ލަވައެއް ނެރެން ތައްޔާރުވެއްޖެ އެވެ.
މިއަދު ޕޯސްޓަރު ދައްކައިލުމަށް ފަހު، މާދަމާ ޓީޒާ ވެސް އާންމުކުރަން ހަމަޖެހިފައިވާ މި ލަވައިގެ ނަމަކީ "ކުޗް އިތުނީ ހަސީން" އެވެ. މި ލަވައިގެ މިއުޒިކް ރަޖަތު ނަގްޕާލް ހެދި އިރު، ލަވަ ކިޔާފައި ވަނީ ޔައްސެރު ދެސާއީ އެވެ.
ޕްރިޔަންކާ އާއި އަންކިތުގެ ވީޑިއޯ ލަވައެއް ބެލުންތެރިންނަށް ދޫކޮށްލާ އިރު، މި ދެ ތަރިންނަކީ ކަލާސްގެ ސިލްސިލާ "އުދާރިޔާ" ގެ ކުރީގެ ލީޑް ކާސްޓުންނެވެ. އަންތކިތާއި ޕްރިޔަންކާއާ ދެމެދު އެކުވެރި ކަމަކަށް ވުރެ ގާތް ގުޅުމެއް އޮތަސް އެ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަކަށް އެއްބަހެއް ނުވެ އެވެ.
"ބިގް ބޮސް 16" ގެ ތެރޭގައި އެކަން ވަރަށް ބޮޑަށް ފާހަގަކުރެވުނު ނަމަވެސް ދެ ތަރިން ވެސް ބުނަމުން ގޮސްފައި ވަނީ ވަރަށް ގާތް ދެ އެކުވެރިން ކަމަށެވެ. ޕްރިޔަންކާ އަކީ އެ ޝޯގެ ތިން ވަނަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނަ އަށް މިހާރު އަންނަނީ ބޮލީވުޑްގެ ފިލްމުތަކުން ވެސް ފުރުސަތު ލިބެމުންނެވެ.
އަންކިތަކީ މިދިޔަ މަހުން މަހުން ފެށިގެން ކަލާސް އިން ދައްކަމުން އަންނަ ސިލްސިލާ "ޖުނޫނިޔަތު" ގެ އެއް ބަތަލެވެ.