Last Updated: July 22, 11:21
Wednesday, July 22, 2026
ދުނިޔެ

ދެ ޖިންސުގެ ހަމަހަމަ ކަމަށް 300 އަހަރު ނަގާނެ

ދެ ޖިންސްގެ ހަމަހަމަކަން ގެންނަން ކުރާ މަސައްކަތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އެކަން ހާސިލުކުރަން އަދި 300 އަހަރު ނަގާނެ ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވެއްޖެ އެވެ.

މާދަމާ ފާހަގަކުރާ ބައިނަލްއަގްމީ އަންހެނުންގެ ދުވަހާ ގުޅުވައި އދ. އަންހެނުންގެ ހައްގުތަކާ ބެހޭ ގްރޫޕްތަކާ އެކީ ބޭއްވި ބައްދަލުވުމެއްގައި ގުޓަރޭޒް ވިދާޅުވީ އެ ޖަމިއްޔާ އޮތީ ދެ ޖިންސިގެ ހަމަހަމަކަން ހޯދަން ކުރާ މަސައްކަތްތަކާއި އަންހެނުން ބާރުވެރިކުރަން ކުރާ މަސައްކަތާ އެކީގައި ކަމަށެވެ.

އެކަމަކު ދުނިޔޭގެ މިހާރުގެ ހާލަތަށް ބަލާ އިރު، ދެ ޖިންސްގެ ހަމަހަމަކަން ގެންނަން ކުރާ މަސައްކަތްތައް، ވާހަކަ ދެކެވޭ މިންވަރާ ގާތަށް ވެސް ނުކުރެވޭ ކަމަށާއި ކުރިއެރުންތަކެއް ވެސް ލިބެމުން ނުދާ ކަމަށް ގުޓަރޭޒް ވިދާޅުވި އެވެ. އެގޮތުން އަންހެން ކުދިން ގަދަކަމުން ކައިވެނިކުރުވުމާއި ކިޑްނެޕްކުރުމާއި ތައުލީމުން މަހުރޫމުކުރުވުމާއި ޓްރެފިކްކޮށް، ހަށިވިއްކުން ފަދަ ކަންކަމުގެ ތެރެއަށް ގެންދިއުމާއި މާބަނޑު ދުވަސްވަރު އަންހެނުން މަރުވާ މިންވަރު އިތުރުވުން ފަދަ ކަންކަމަށް އެދެވޭ ހެޔޮ ބަދަލުތަކެއް ނާންނަ ކަމަށް ވިދާޅުވި އެވެ.

އެހެންވެ މިހާރު "ދެ ޖިންސްގެ ހަމަހަމަކަން އޮތީ ވަރަށް ދުރުގައި" ކަމަށް ގުޓަރޭޒް ވިދާޅުވި އެވެ.

އޭނަ ވަނީ ބައެއް ގައުމުތަކުން މިސާލު ނަންގަވައި އަފްގާނިސްތާން މިހާރު އަންހެނުންނާއި އަންހެން ކުދިންނާ މެދު އަމަލުކުރާ ގޮތާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ވެސް ފާޅުކުރައްވައިފަ އެވެ.

"އަފްގާނިސްތާން ފަދަ ގައުމުތަކުން ފެންނަނީ އަންހެނުންނާއި އަންހެން ކުދިންނަށް ލިބިދޭ އަަސާސީ އެތައް ހައްގެއް ނިގުޅައިގަނެ، އެ މީހުން ނިޒާމު ގެއްލުވާ ތަން،" ގުޓަރޭޒް ވިދާޅުވި އެވެ. "ޖުމްލަކޮށް ބުނަންޏާ މުޅި ދުނިޔޭގައި ވެސް އަންހެނުންގެ ހައްގުތައް ވަނީ ނިގުޅައިގެންފައި."

އޭނަ ވިދާޅުވީ ދެ ޖިންސްގެ ހަމަހަމަކަމާއި އަންހެނުން ބާރުވެރިކުރުވާ ވާހަކަ ދައްކާ އިރު، މިހާރުން މިހާރަށް ފިޔަވަޅުތަކެއް އަޅަން ޖެހޭ އެތައް ކަމެއް އެބަހުއްޓެވެ. އެހެންވެ އެކަންކަމަށް އަވަސް ފިޔަވަޅުތަކެއް، ހައްލުތަކެއް ބޭނުންވެ އެވެ.

"ބައިނަލްއަގްވާމީ ފްރޭމްވޯކަށް ބަލާ އިރު ވެސް އަންހެނުންގެ ހައްގުތައް ކަށަވަރުކޮށް ދެވޭ ގޮތަކަށް ނޫން އޮތީކީ. އެއަށް އެބަޖެހޭ ބަދަލުތަކެއް ގެންނަން." ގުޓަރޭޒް ވިދާޅުވި އެވެ.