Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ވިލިމާލޭގައި ބަގީގެ ހިދުމަތް ފަށާނީ 16 ގައި

ވިލިމާލޭގައި މާލެ ސިޓީ ކައުންސިލުން ދޭން ފަށާ ބަގީގެ ހިދުމަތް މި މަހުގެ 16 ވަނަ ދުވަހު ފެށޭނެ ކަމަށް މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު ޓްވީޓެއްގައި ވިދާޅުވީ ވިލިމާލޭގައި ކައުންސިލުން ދުއްވާ ބަގީތައް ބުރާސްފަތި ދުވަހު ހަވީރު ވިލިމާލެއަށް ގެންދެވޭނެ ކަމަށާއި މި މަހު 16 ގައި ބަގީގެ ޚިދުމަތް ފެށޭނެ ކަމަށެވެ.

ބަގީ ރޫޓުގައި ކުރާ ދަތުރުތައް ފިތުރު ޢީދު ނިމެންދެން އޮންނާނީ ހިލޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ. މީގައި ޕްރައިވެޓް ހަޔަރ ގެ ގޮތުގައި ނަގާ ބަގީ ނުހިމެނޭނެ އެވެ.

މީގެ ހަފްތާއެއް ކުރިން މާލެ ސިޓީ ކައުންސިލުން ވަނީ ބަގީގެ ހިދުމަތްތަކަށް އަގު ކަނޑައަޅާފަ އެވެ. އެގޮތުން ބަގީގެ ރޫޓުން ކުރާ ކޮންމެ ދަތުރަކަށް ނަގާނީ 2 ރުފިޔާގެ ފީއެކެވެ. އެހެންނަމަވެސް ބަގީ "ޕްރައިވެޓް ހަޔާރ" ގެ ގޮތުގައި ނަގާނަމަ އަގު ތަފާތު ވާނެ އެވެ. އެގޮތުން ޕްރައިވެޓް ހަޔަރ ގެ ގޮތުގައި ބަގީ ނަގާނަމަ އަގު ތަކަކީ:

– 4 ސީޓްގެ ބަގީއަކަށް 6 ރުފިޔާ

– 6 ސީޓްގެ ބަގީއަކަށް 10 ރުފިޔާ

– 12 ސީޓްގެ ބަގީއަކަށް 15 ރުފިޔާ

މީގެ އިތުރުން 6 އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ މީހުންނާއި އެންސްޕާގައި ރެޖިސްޓަރ ވެފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ސްކޫލް ޔުނިފޯމްގައި ދަތުރުކުރާ ދަރިވަރުންނަށް ހިލޭ ބަގީގައި ދަތުރުކުރެވޭނެ އެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ފޯރުކޮށްދިނުމަށް މާލެސިޓީ ކައުންސިލުން ވަނީ 10 ބަގީ ގެނެސްފަ އެވެ.