ދައުލަތުގެ ލިއެކިއުންތައް އެއް އިދާރާއިން އަނެއް އިދާރާއަށް ބަދަލު ކުރާ ނިޒާމު ގަވަމެންޓް އި-ލެޓަރ މެނޭޖްމެންޓް ސިސްޓަމް (ޖެމްސް) މިދިޔަ ފެބްރުއަރީ މަހު އެންމެ ގިނައިން ބޭނުންކޮށްފައިވަނީ އައްޑޫ ސިޓީ ކައުންސިލުން ކަމަށް ޖެމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ޖެމްސް ބޭނުން ކުރާ މިންވަރު ހާމަކޮށް ނެރެފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ މަހުގެ ތެރޭގެ ދައުލަތުގެ 472 އިދާރާއަކުން މި ނިޒާމު ބޭނުންކޮށްފައިވެއެވެ. އަދި އިދާރާތަކުން ޖުމްލަ 78،616 މެސެޖް ވަނީ އެއް އިދާރާ އަނެއް އިދާރާއާއި ބަދަލު ކުރެވިފައެވެ.
މިދިޔަ މަހުގެ ތަފާސް ހިސާބު ތަކުގެ ތެރެއިން، މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި 2،294 ފަހަރު އައްޑޫސިޓީ ކައުންސިލުން ވަނީ މި ނިޒާމު ބޭނުންކޮށްފައިވެއެވެ. ދެން އެންމެ ގިނައިން މި ނިޒާމު ބޭނުންކޮށްފައިވަނީ މާލޭ ސިޓީ ކައުންސިލުންނެވެ. އެއީ 2،283 ފަހަރެވެ. މިނިސްޓްރީ ތަކުގެ ތެރެއިން އެންމެ ގިނައިން ބޭނުންކޮށްފައިވަނީ މިނިސްޓްރީ އޮފް ޑިފެންސްއެވެ. އެއީ 20،012 ފަހަރެވެ.
Here's our February stats. More than 78 thousand messages were processed by 472 agencies across the public sector. Thank you for letting us be part of your digital productivity! #DigitalGovernment #ModernizingGovernment #DigitalTransformation #GEMSmv pic.twitter.com/FhJikimMgE
— GEMS (@Gemsmv) March 7, 2023
ޖެމްސްގެ ތަފާސް ހިސާބުތަކުން އެނގޭގޮތުގައި ނިޒާމު ޤާއިމް ކުރެވުނީއްސުރެ މިހާތަނަށް މި ނިޒާމު 95 މިލިއަން ފަހަރު 512 އިދާރާއަކުން ނިޒާމު ވަނީ ބޭނުންކޮށްފައެވެ.
ސަރުކާރު އިދާރާތަކުގެ މެދުގައި، ލިއެކިއުން ބަދަލު ކުރުމުގެ ނިޒާމެއް ޤާއިމް ކުރެވި ތަޢާރަފްކުރެވުނީ 2010 ވަނަ އަހަރުއެވެ. މި ނިޒާމުގެ ބޭނުމަކީ ދައުލަތުގެ އެއް އިދާރާއިން އަނެއް އިދާރާއަށް ފޮނުވާ ލިއެކިއުން އަވަހަށް ފޮނުވައި، އަދި ހާމަގޮތެއްގައި ދައުލަތުގެ އިދާރާތަކުގެ މެދުގައި މުވާސަލާތު ކުރެވޭނެ ނިޒާމެއް ޤާއިމް ކުރުމެވެ. މިހާތަނަށް މިނިޒާމާއި 500 އަށް ވުރެ ގިނަ ދައުލަތުގެ އިދާރާތަށް ވަނީ ގުޅުވާލެވިފައެވެ.