Last Updated: July 16, 11:54
Thursday, July 16, 2026
ކުޅިވަރު

ޑޯޓްމަންޑް ބަލިކޮށް ޗެލްސީ ކުއާޓާ އަށް

ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަ ލެގުގައި ރޭ ބްރޫޝީއާ ޑޯޓްމަންޑް 2-0 އިން ބަލިކޮށް މުބާރާތުގެ ކުއާޓާފައިނަލުން ޗެލްސީ ޖާގަ ހޯދައިފި އެވެ.

މި ދެ ޓީމު ޑޯޓްމަންޑްގެ ދަނޑުގައި ކުޅުނު މެޗު 1-0 އިން ކާމިޔާބު ކުރީ ޑޯޓްމަންޑުންނެވެ. ޗެލްސީ ކުއާޓާ އަށް ދަތުރުކުރީ 2-1 ގެ އެގްރިގޭޓް ނަތީޖާ އިން ކުރި ހޯދައިގެންނެވެ.

ޗެލްސީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ކުރީކޮޅު ޗެލްސީން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. އެގޮތުން ކައި ހަވެޓްޒް ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ދަނޑި އަށް އަމާޒުވިއިރު ޖައޯ ފެލިކްސް ފޮނުވާލި ހަމަލާ ދިފާއުކުރީ ޑޯޓްމަންޑްގެ ގޯލްކީޕަރު މޭޔާއާ އެވެ. ނަމަވެސް ފުރަތަމަ ހާފް ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ރަހީމް ސްޓާލިން ވަނީ ޗެލްސީ އަށް ލީޑު ނަގާދީފަ އެވެ. ސްޓާލިން މި ގޯލު ކާމިޔާބު ކުރީ ޑޯޓްމަންޑްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ޗެލްސީން ނިންމާލިއިރު މެޗުގެ 53 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކައި ހަވެޓްޒް ވަނީ ޗެލްސީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. މި ޕެނަލްޓީ ޗެލްސީ އަށް ލިބުނީ ޑޯޓްމަންޑްގެ ޕެނަލްޓީއޭރިއާ ތެރެއިން އެޓީމުގެ ވުލްފްގެ އަތުގައި ބޯޅަ ޖެހުމާ ގުޅިގެންނެވެ.

ޗެލްސީގެ ދެވަނަ ގޯލާއެކު ޑޯޓްމަންޑުން ކުރިއަށް ޖެހިލައިގެން ދިޔައީ ގޯލެއް ކާމިޔާބު ކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ޗެލްސީގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ޑޯޓްމަންޑްގެ މިޑްފީލްޑަރު ޖޫޑް ބެލިންގްހަމް ފޮނުވާލި ހަމަލާ ގޯލުގެ ކުޑަތަންކޮޅެއް ބޭރުން ދިޔައިރު ވުލްފް ފޮނުވާލި ބާރު ހަމަލާ ދިފާއުކުރީ ޗެލްސީގެ ކީޕަރު ކެޕާ އެވެ.

ޗެލްސީ ކުއާޓާ އަށް ދަތުރުކުރިއިރު މިއީ މިއަހަރުތެރޭ މެޗެއްގައި ޗެލްސީން ދެ ގޯލު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. ޗެލްސީން އެންމެފަހުން މެޗެއްގައި ދެ ގޯލު ކާމިޔާބު ކުރީ މިދިޔަ ޑިސެމްބަރު މަހު ޕްރިމިއާ ލީގުގައި ބޯންމަތްގެ މައްޗަށް 2-0 އިން ކުރި ހޯދި މެޗުގަ އެވެ.

ކުއާޓާފައިނަލްގައި ޗެލްސީ ބައްދަލުކުރާނެ ޓީމެއް އެނގޭނީ އަންނަ ހުކުރު ދުވަހު ނަގާ ގުރުއަތުލުމުންނެވެ.