Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ނަޝީދާއި ގާސިމުގެ ޖޯޑު ރައީސަށް ލަދުވެތި

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ހެދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މި އަހަރުގެ ރިޔާސީ އިންތިހާބުގައި ދާނީ ތިން ވަނަ އަށް ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގައި ގާސިމު ވާދަކުރައްވާނެކަމުގެ އަޑުތަކާއި ރަނިންމޭޓަކަށް ނަޝީދު ނަންގަވާނެކަމުގެ ވާހަކަތަކެއް ދެކެވޭތީ މަޑުއްވަރީ ދާއިރާގެ މެންބަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމާއި ނަޝީދުގެ ޖޯޑަކީ ރައީސް ސޯލިހަށް ލަދުވެތި ސިނާރިއޯއަކަށް ވެދާނެ ކަމަށެވެ.

"[އެހެންވީމަ] ރައީސް ތިން ވަނަ އަށް ދާނީ މި ސިނާރިއޯގައި." އާދަމް ޝަރީފު ވިދާޅުވި އެވެ.

ގާސިމް އިންތިހާބަށް ވާދަކުރެއްވުމާ މެދު އަދި ގޮތެއް ނުނިންމަވަ އެވެ. އަދި އެމްޑީޕީއާ އެކީ ކޯލިޝަން ހަދަން ރައީސް ދައުވަތު ދެއްވި ނަމަވެސް އެކަމާ ވެސް އެ ޕާޓީން އޮތީ ގޮތެއް ނުނިންމަ އެވެ. ގާސިމް އިންތިހާބުގައި ވާދަކުރައްވާނެ ވާހަކައާ ގުޅުވައިގެން ނަޝީދު ރަނިންމޭޓަކަށް ނަންގަވަން އުޅޭ ވާހަކަ ގާސިމް މީގެ ދުވަސްކޮޅެއް ކުރިން ދޮގު ކުރައްވާފައިވެ އެވެ.

އެކަމަކު ޖޭޕީގެ އިސްވެރިންތަކެއް ގެންދަވަނީ މި ދަނޑިވަޅުގައި ތަކުރާރުކޮށް ނަޝީދާ ބައްދަލުކުރައްވައި މަޝްވަރާތަކެއް ކުރައްވަމުންނެވެ.

އާދަމް ޝަރީފު ވިދާޅުވެފައިވާ ގޮތުގައި މި އަހަރުގެ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރައްވާނީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް އަބްދުﷲ ޔާމީނެވެ. ނަމަވެސް ޔާމީން އޮންނެވީ 11 އަހަރުގެ ޖަލު ހުކުމެއްގަ އެވެ.