ފުލުހުންގެ މުއައްސަސާ ގަޑިބަޑުކުރަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކަމަށާއި، އަބްދުﷲ ރަޝީދު (މާޓީ)ގެ މަރުގެ މައްސަލަ ސަރުކާރުން ސީރިއަސްކޮށް ނުބަލާކަމަށް މަޑަވެލީ ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުލުހުންގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން ހުސައިން ފިރުޝަން ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކާފައެވެ. ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައިވެސް ފިރުޝާންވަނީ އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގައި މިނިސްޓަރު އިމްރާނާ ސުވާލު ކޮށްފައެވެ. އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު އިމްރާން ވިދާޅުވީ އެ މައްސަލައިގައި ތަހުގީގީ ނަޒަރަކުން ބެލުމުން ފެންނަ މަންޒަރު ތަފާތު ކަމަށެވެ.
އިއްޔަ މިނިސްޓަރު އިމްރާން ދެއްކެވި ވާހަކައަށް ރައްދުދެއްވާ ފިރުޝާން ވިދާޅުވީ އަބްދުﷲ ރަޝީދަށް ބޭސްފަރުވާދިނުމުގެ ކަންކަމުގައި ފުލުހުން އިހުމާލުވީ އޭނާގެ ކުރިމަތީގައި ކަމަށާއި، އަބްދުﷲ ރަޝީދަށް ބޭނުންވާ ބޭސްފަރުވާދިނުމަށް ހުދު އޭނާވެސް ފުލުހުންގެ ކިބައިން އެދުނުކަމަށެވެ.
އެ މައްސަލައިގައި ރައްޔިތުންގެ ކުރިމަތީގައި ހިނގާދިޔަ 10 ވަރަކަށް މިނިޓުގެ މައްޗަށް އެކަނި ބެލުމަށްފަހު ގޮތެއް ނިންމުން ރަނގަޅު ނުވާނެކަމަށް މިނިސްޓަރު އިމްރާން ވިދާޅުވި ވާހަކައަށް ރައްދު ދެއްވާ ފިރުޝާން ވިދާޅުވީ އެންމެ މިނެޓަކަށް އިހުމާލެއް ފެނުންނަމަވެސް، އިހުމާލު ވާނީ އިހުމާލަކަށް ކަމަށެވެ. ފިރުޝާން ވިދާޅުވީ މި މައްސަލަ ސަރުކާރުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ނުބަލާ ކަމަށާއި އެ މައްސަލައަށް އިންސާފެއް ހޯދަދޭން އަދި އާއިލާއަށް ޖަވާބެއް ދޭންވެސް ސަރުކާރުން ނޫޅޭ ކަމަށެވެ.
މިމައްސަލައާ ގުޅިގެން ފިރުޝާން ވަނި މިނިސްޓަރު އިމްރާންގެ އިސްތިއުފާއަށް މަޖިލީހުގައި ގޮވާލާފައެވެ.
"މިތަނަށް ބިލުތަކާ އެއްޗެހި ފޮނުވައިގެން މުޅި ފުލުހުންގެ މުއައްސަސާ ގަޑުބަޑުކުރަން ކުރާ ހުރިހާ މަސައްކަތެއް ކުރަނީ ޝޭހް އިމްރާން." ފިރުޝާން ވިދާޅުވިއެވެ.
އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގައި އިއްޔެ މިނިސްޓަރު އިމްރާން ވިދާޅުވީ މައްސަލައިގައި ދެފަރާތުން ކަން ހިނގާދިޔަ ގޮތް ބެލިކަމަށާއި ހަމަ އެކަނި އެކަމުގެ މެދުތެރެއިން ފެނިފައިވާ ބައެއްގެ މައްޗަށް ރިއާޔަތްކޮށް ނިންމުމެއް ނިންމުން ރަނގަޅު ނުވާނެކަމަށެވެ.
އަބްދުﷲ ރަޝީދު ނިޔާވެފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް ގދ. ހޯނޑެއްދުއިން އެހެން ރަށަކަށް ގެންދިއުމަށް ލޯންޗަކަށް އަރުވާފައިއިންދާ މެޔަށް ތަދެއް އަރައިގެންނެވެ.