ސައުދީ އަރަބިއްޔާގެ އަގުހެޔޮ އެއާލައިނެއް ކަމަށްވާ ފްލައިނަސްގެ ދަތުރުތައް ރާއްޖެ އަށް ފަށަން ނިންމައިފި އެވެ.
އެ އެއާލައިނުން ބުނި ގޮތުގައި ރިޔާދުގެ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ ހިމެނޭ ގޮތަށް އާ 10 މަންޒިލަކަށް ދަތުރު ފަށަން އަންނަނީ ތައްތާރީތައްވަމުންނެވެ.
ދަތުރުތައް ފަށަން ހަމަޖެހިފައި ވަނީ އަންނަ މެއި މަހުގެ ތެރޭގަ އެވެ.
ދެހާސް ހަތެއްގައި ވުޖޫދަށް އައި ފްލައިނަސް އަކީ ސައުދީގެ ފުރަތަމަ ބަޖެޓް އެއާލައިންނެވެ. ނެޝަނަލް އެއާ ސާވިސެސް (އެންއޭއެސް) އިން އޮޕަރޭޓްކުރާ މި އެއާލައިން އެންމެ ފުރަތަމަ ހިންގީ ނަސްއެއާގެ ނަމުގަ އެވެ. އަދި ފްލައިނަސް އަށް ނަން ބަދަލުކުރީ 2013 ގަ އެވެ. އެ އެއާލައިންގެ ފްލީޓްގައި 39 ބޯޓް އޮވެ އެވެ.
ރާއްޖެ އަށް މިހާރު ސައުދީން ދަތުރުކުރަނީ ގައުމީ އެއާލައިން ސައުދިއާއިންނެވެ.