Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ފުލުހުންގެ ޤާނޫނަށް ހުށަހެޅި އިސްލާހާ މެދު ކަންބޮޑުވުން

ރައްޔިތުންގެ މަޖިލީހުގެ ތަޅުން- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދިވެހި ފުލުހުންގެ ހިދުމަތުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން މަޖިލީހުގެ މެންބަރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ޤާނޫނަށް، ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅާފައިވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ. އިސްލާހު ހުށަހަޅާފައިވަނީ ފުލުހުންގެ ޤާނޫނުގެ 17 ވަނަ މާއްދާއާއި 100 ވަނަ މާއްދާއަށެވެ. މީގެތެރެއިން މެންބަރުންގެ ކަންބޮޑުވުން ބޮޑަށް އޮތީ 17 މާއްދާއަށް ހުށަހަޅާފައިވާ އިސްލާހާއި ގުޅިގެންނެވެ.

ފުލުހުންގެ ޤާނޫނުގެ 17 ވަނަ މާއްދާގައި މިހާރު އޮތްގޮތުން ބުނެފައިވަނީ ފުލުހުންގެ ވަޒީފާއަށް ވައްދާ މީހުންގެ ބެކްގްރައުންޑް ޗެކުކުރަންވާނެ ކަމަށާއި އެެގޮތުން ބްކްގްރައުންޑް އަނަލިސިސް، ޕޮލިގްރާފީ ޓެސްޓް އަދި ގަވައިދުގައި ބުނާ ގޮތަށް ފެންވަރު ބެލުމާއި ބެކްގްރައުންޑް ޗެކު ކުރަންވާނެ ކަމަށެވެ.

ސަރުކަރުން މިހާރު އިސްލާހު ހުށަހަޅާފައިވަނީ އެ ކަންކަން ކުރުން މަޖުބޫރުކޮށްފައި އޮތްއޮތުން ބަދަލުކޮށް ބްކްގްރައުންޑް އަނަލިސިސް، ޕޮލިގްރާފީ ޓެސްޓް އަދި ގަވައިދުގައި ބުނާ ގޮތަށް ފެންވަރު ބެލުމާއި ބެކްގްރައުންޑް ޗެކު ކުރުން އިހުތިޔާރީ ކަމެއްގެ ގޮތުގައި ބޭއްވުމަށެވެ. އެގޮތުން އިސްލާހުގައި ބުނެފައިވަނީ ބެކްގްރައުންޑް ޗެކް ކުރުމުގެ ގޮތުން "އެ ކަންކަން ކުރެވިދާނެ" ކަމަށެވެ.

މިކަމާ ގުޅިގެން މަޖިލީހުގެ ބައެއް މެންބަރުން ވަނީ މި އިސްލާހަށް ފާޑުކިޔާ ވާހަކަ ދައްކަވާފައެވެ.

މި އިސްލާހާ ގުޅިގެން މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު އަދި ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފް ވިދާޅުވީ ބެކްގްރައުންޑް ޗެކް ކުރުމުގެ ގޮތުން ހުރިކަންކަން އިހުތިޔާރީ ކަމެއްގެ ގޮތުގައި ދޫކޮށްލާފައި އޮތުމަކީ ޤާނޫނު ފާސްކުރި ބޭނުން ނޫންކަމަށެވެ. އަދި މި އިސްލާހަކީ ރިޔާސީ އިންތިހާބާ ދިމާކޮށް ވަޒީފާތަކެއް އުފެއްދުމުގެ ބޭނުމުގައި ކުރާކަމެއްނަމަ އެކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މިއިސްލާހާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވި ޤާނޫނުގައި އެ މާއްދާ ހިމަނާފައިވަނީ ވަރަށް ވެސްގިނަ ދިރާސާތައް ކުރުމަށްފަހު ކަމަށާއި އެއަށް ބަދަލެއް ގެންނަންޖެހޭ އެއްވެސް ސަބަބެއް ނުފެންނަ ކަމަށެވެ. އަދި މިއީ މިކަން ކުރަންޖެހޭނެ ގޮތްވެސް ނޫންކަމަށް ވިދާޅުވިއެވެ. ހަސަން ލަތީފް ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް ވައްދަންޖެހޭނީ އިންޓަވިއުކޮށް ބެކްގްރައުންޑް ޗެކް ކުރުމުގެ ގޮތުން ހުރިކަންކަން ކޮށް އިތުބާރު ހިފޭ މީހުން ކަމަށެވެ.

"އަޅުގަނޑުމެން މިދައްކަނީ އަދި ފެކަނައަށް މުވައްޒަފުން ވައްދާ ވާހަކައެއް ނޫން. މިދައްކަނީ ދިވެހިރާއްޖޭގެ ފުލުހުންގެ މުއައްސަސާއަށް މުވައްޒަފުން ވައްދާ ވާހަކަ." ހަސަން ލަތީފް ވިދާޅުވިއެވެ.

މީގެއިތުރުން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާޙިމް ނަސީމް ވިދާޅުވީ ޤާނޫނުގައި މަޖުބޫރުކޮށްފައި އޮތްކަމެއް ބަދަލުކޮށް އެކަމެއް ކުރުމުގެ އިހުތިޔާރު ދޭގޮތަށް އިސްލާހު ހުށަހަޅަނީ ޤާނޫނަށްވުރެއް ގަވައިދުގެ ބާރު ގަދަކުރުމަށް ކަމަށެވެ. އެހެންއެކަންވާނަމަ ގާނޫނުހެދުމުގެ ބޭނުމެއް ނެތްކަމަށް ނަސީމް ވިދާޅުވިއެވެ. އަދި މި އިސްލާހަކީ މެންބަރުންއެކަމާމެދު ވަރަށް ފުންކޮށް ވިސްނަންޖެހޭ އިސްލާހެއް ކަމަށް ވިދާޅުވިއެވެ.

މި އިސްލާހަށް ފާޑުކިޔާ ބައެއް މެންބަރުން ވާހަކަދެއްކެވިއިރު ސަރުކާރަށް ތާއީދުކުރާ މެންބަރުން ވަނީ މި އިސްލާޙު ދިފާއުކުރައްވާ ވާހަކަ ދައްކަވާފައެވެ.