Last Updated: July 26, 18:11
Monday, July 27, 2026
މުނިފޫހިފިލުވުން

އަދިތިޔާގެ އަނިޔާވެރި ރޯލެއް

ދެހާސްވިހީގެ ފިލްމު "މަލަންގް" ގައި ވެސް ވަރަށް އަނިޔާވެރި އެކްޝަން ރޯލެއް ކުޅުނު ބޮލީވުޑްގެ ތަރި އަދިތިޔާ ރޯއި ކަޕޫރް އަނެއްކާ ވެސް އެފަދަ ރޯލަކުން ބެލުންތެރިންނާ ބައްދަލުކުރަން ތައްޔާރުވެއްޖެ އެވެ.

މި ފަހަރުގެ ފިލްމަކީ "ގުމްރާހު" އެވެ. މިއީ 2019 ގެ ކާމިޔާބު ތަމަޅަ ކްރައިމް ތުރިލާ "ތަޅަމް" ގެ ހިންދީ ރިމޭކެވެ. ބުޝަން ކުމާރުގެ ޓީ ސީރީޒާއި ޕްރޮޑިއުސަަރު މުރާދު ކެތާނީ ޕްރޮޑިއުސްކޮށްފައިވާ "ގުމްރާހް" އަންނަ މަހުގެ 7 ގައި ރިލީޒްކުރަން ނިންމައި އޭގެ ޓީޒާއެއް ވެސް މިއަދު ވަނީ ދައްކާލައިފަ އެވެ.

އަލަށް ޑައިރެކްޝަނަށް ނުކުތް ވަރުދާން ކެތުކަރު ޑައިރެކްޓްކޮށްފައިވާ "ގުމްރާހް" ގެ ބަތަލާ އަކީ މުރްނާލް ތާކޫރެވެ.

"އާޝިގީ 2" އާއި "ޔެ ޖަވާނީ ހޭ ދީވާނީ" އާއި "ކަލަންކް" އަދި "ލޫޑޯ" ފަދަ ފިލްމުތައް ކުޅެފައިވާ އަދިތިޔާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ގެނެސްދިން ވެބް ސީރީޒް "ދަ ނައިޓް މެނޭޖާ" އިންނެވެ.