Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

އައިޓީބީ ފެއާ އަށް ރައީސް ޒިޔާރަތްކުރައްވައިފި

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ޖަރުމަނު ވިލާތުގެ ބަރލިންގެ މެސޭ ބަރލިންގައި މިހާރު ކުރިޔަށްދާ، ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑުފެއާ ކަމުގައިވާ، އިންޓަރނޭޝަނަލް ޓުއަރިޒަމް ބޯސޭ (އައިޓިބީ) ބަރލިން ފެއާއަށް ޒިޔާރަތް ކުރައްވައިފި އެވެ.

މިއީ 2019ވަނަ އަހަރަށް ފަހު، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބާލިންއަށް ގޮސް މިފެއާގައި ބައިވެރިވި ފުރަތަމަ އަހަރެވެ. އަދި މިއީ، ފާއިތުވި 3 އަހަރު ރާއްޖެއަށް ވިދިވިދިގެން 3 ފަހަރު ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން އެވޯޑް ލިބުނުފަހުންވެސް ރާއްޖެއިން އައިޓީބީގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.

ރައީސްގެ ދެކަނބަލުން އައިޓީބީ ފެއާއަށް މިކުރެއްވި ޒިޔާރަތުގައި، ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތް ކުރައްވައި، އެސްޓޭންޑުން ދައްކުވައިދޭ ދިވެހިންގެ މެހެމާންދާރީގެ ކަންކަމާއި، ފޯރުކޮށްދޭ ޚިދުމަތްތައް ބައްލަވާލެއްވި އެވެ.

އައިޓީބީ ބާލިންއަކީ، ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެއްތަނަކުން ބައްދަލުވެ ވިޔަފާރި ކުރިއެރުވުމަށް ހުޅުވާލެވިފައިވާ ޕްލެޓްފޯމެކެވެ. މިއަހަރުގެ ފެއާގައި އެމްއެމްޕީއާރްސީއާ މިނިސްޓްރީ އޮފް ޓޫރިޒަމްގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ 91 ކުންފުންޏަކުން، 233 މީހުން ވަނީ ބައިވެރިވެފަ އެވެ.

ރައީސް ޖަރުމަނަށް ވަޑައިގެންނެވީ، ގަތަރުވެރިރަށް ދޯހާގައި ކުރިޔަށް ދިޔަ، އދ. ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ 5 ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހުގަ އެވެ. ޖަރުމަނަށް ކުރައްވާ މިދަތުރުފުޅުގައި އެޤައުމުގެ ރައީސް ފްރޭންކް ވޯލްޓަރ ސްޓައިންމަޔަރއާ ބައްދަލު ކުރައްވައި ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރެއްވުމުގެ މަޝްވަރާތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވެ އެވެ.