ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަ ލެގުގައި ރޭ ޕީއެސްޖީ 2-0 އިން ބަލިކޮށް މުބާރާތުގެ ކުއާޓާފައިނަލުން ބަޔާން މިއުނިކުން ޖާގަ ހޯދައިފި އެވެ.
މި ދެ ޓީމު ޕީއެސްޖީގެ ދަނޑުގައި ކުޅުނު މެޗު 1-0 އިން ކާމިޔާބު ކުރީ ބަޔާނުންނެވެ. ބަޔާން ކުއާޓާ އަށް ދަތުރުކުރީ 3-0 ގެ އެގްރިގޭޓް ނަތީޖާ އިން ކުރި ހޯދައިގެންނެވެ.
ބަޔާންގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު މި ހާފުގައި ގޯލެއް ކާމިޔާބު ކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޕީއެސްޖީގެ މިޑްފީލްޑަރު ވިޓީނިއާ އަށެވެ. އެގޮތުން ބަޔާންގެ ކީޕަރު ޔާން ސޮމާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މުޅިން ހުހަށް ހުރެ ވިޓީނިއާ ފޮނުވާލި ހަމަލާ ގޯލުގެ ހުރަސް ރޮގު މަތިން ދިފާއުކުރީ ބަޔާންގެ ޑިފެންޑަރު މަތިއަސް ޑިލިޓް އެވެ.
ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި ބަޔާނުން ވަރަށް ބޮޑަށް ކުޅުން ރަނގަޅު ކުރިއިރު މެޗުގެ 61 ވަނަ މިނެޓްގައި ޗުޕޮ މޯޓިން ވަނީ އެޓީމަށް ލީޑު ނަގާދީފަ އެވެ. ޗުޕޮ މޯޓިން މި ގޯލު ކާމިޔާބު ކުރީ ޕީއެސްޖީގެ މިޑްފީލްޑަރު މާކޯ ވެރާޓީ އަތުން ބޯޅަ ހެދުމަށްފަހު ގޮރެޓްޒްކާ ދިން ޕާހަކުން މުޅިން ހުހަށް ޕީއެސްޖީގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.
މި ގޯލަށްފަހު ވެސް ޕީއެސްޖީގެ ގޯލަށް ބަޔާނުން ދިޔައީ ނުރައްކާ ކުރަމުންނެވެ. އެގޮތުން މުސިއާލާ ދިން ޕާހަކުން މެޗުގެ 89 ވަނަ މިނެޓްގައި ސާޖް ގްނެބްރީ ވަނީ ބަޔާންގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ ކުއާޓާފައިނަލުން އެޓީމަށް ޖާގަ ކަށަވަރުކޮށްދީފަ އެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ރޭ އޭސީ މިލާނުން ވަނީ ޓޮޓެންހަމް ކަޓުވާލައި ކުއާޓާ އިން ޖާގަ ހޯދާފަ އެވެ. މި ދެ ޓީމު ރޭ ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ނަމަވެސް މިލާންގެ ދަނޑުގައި ކުޅުނު 1-0 އިން މިލާނުން ކާމިޔާބުކޮށްފައިވުމުން އެޓީމު ކުއާޓާ އަށް ދިޔައީ އެގްރިގޭޓް ނަތީޖާ އިން ކުރި ހޯދައިގެންނެވެ.