Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ގުރައިދޫ ދާއިރާގެ ޕީޕީއެމް ޓިކެޓު ރިޒާގެ ކޮއްކޮ އަށް

އަންނަ މަހު ބާއްވާ ކ. ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑީގެ ބައި-އިލެކްޝަނަށް ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓަކަށް އެ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރިޒާގެ ކޮއްކޮ ހުސެއިން ރިޒާ ހަމަޖެހިއްޖެ އެވެ.

އިދިކޮޅު ކޯލިޝަން ހިންގެވުމާ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ގުރައިދޫ ދާއިރާގެ ޕްރައިމަރީ އަށް ހުޅުވާލުމުން ކުރިމަތިލީ އެންމެ ފަރާތަކުން ކަމަށެވެ. އެއީ މަރްހޫމް ރިޒާގެ ކޮއްކޮ ހުސެއިން ރިޒާ ކަމަށާއި އެއީ މިކަމަށް އެންމެ ގާބިލު ކެންޑިޑޭޓު ކަމަށް އަދުރޭ ވިދާޅުވި އެވެ.

"އެއަށް ވުރެ ވަކި ގާބިލު ކެންޑިޑޭޓެއް މި އިންތިހާބުގައި ވާދަކުރާކަށް އެހެން ޕާޓީއަކަށް ލިބިވަޑައިނުގަންނަވާނެ." އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ދާދިފަހުން ގުރައިދޫ ދާއިރާ އަށް ކުރި ދަތުރުގައި އެ ދާއިރާގެ އިސް ބޭފުޅުންނާއި ބައި އިލެކްޝަނާއި ގުޅޭގޮތުން ވާހަކަ ދެއްކި ކަމަށާއި އެ ބޭފުޅުން ތިބީ ޕްރައިމަރީއަކަށް ދާ ގޮތަކަށް ވެސް ނޫން ކަމަށެވެ. އެގޮތުން ރިޒާ އަކީ ގުރައިދޫ ދާއިރާ އަށް އަގުހުރި ހިދުމަތްތަކެއް ކޮށްދީފައިވާ ފަރާތެއް ކަމުން މި ދައުރުގެ ބާކީ އޮތް ބައި ހަދިޔާކުރަން ބޭނުންވަނީ ރިޒާގެ އާއިލާ އަށް ކަމަށްވެސް އެ ބޭފުޅުން ހާމަކުރި ކަމަށް އަދުރޭ ވިދާޅުވި އެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްއެންޕީ އަދި އެމްޑީޕީން ވެސް ވާދަކުރެ އެވެ. އެމްއެންޕީގެ ޓިކެޓް ދީފައިވަނީ ގުރައިދޫގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި އަލީ އާރިފަށެވެ. އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް އަންނަ ހޮނިހިރު ދުވަހު ޕްރައިމަރީއެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އޮންނާނީ އަންނަ މަހުގެ 15 ގަ އެވެ.

މި އިންތިހާބު ބާއްވަން ޖެހުނީ އެ ޕާޓީގެ މެމްބަރެއްގެ ހުންނެވި އިބްރާހީމް ރިޒާ މިދިޔަ މަހުގެ 23 ގައި އަވަހާރަވުމާ ގުޅިގެންނެވެ.