ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން ބައްދަލުކުރައްވައިފަ އެވެ.
އެ ދެ ބޭފުޅުން ބައްދަލުކުރެއްވީ ގާސިމްގެ ސަން އައިލޭންޑްގެ ރިސޯޓްގަ އެވެ. ނަމަވެސް ބައްލުވުމާ ބެހޭ އެއްވެސް ތަފުސީލެއް ހާމައެއްނުކުރެ އެވެ.
ޖޭޕީ އާއި އެމްއާރްއެމަކީ ވެސް ސަރުކާރުގެ މިހާރުގެ ކޯލިޝަން ބައިވެރިންނެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ވަނީ އެ ދެ ޕާޓީ އަށް ވެސް މި އަހަރުގެ ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމަށް ދައުވަތު ދެއްވައިފަ އެވެ. އެކަމަކު ޖޭޕީ އާއި އެމްއާރްއެމުން ވެސް އެކަމާ އަދި ވަކި ގޮތެއް ނުނިންމަ އެވެ.
ކޯލިޝަން ހެދުމާ ގުޅޭ މަޝްވަރާތަކެއް އެމްއާރްއެމްގެ ކައުންސިލްގައި އަންނަނީ ކުރެވެމުންނެވެ.
ގާސިމް ދާދި ފަހުން ރައީސް ސޯލިހާ ވެސް ބައްދަލުރެއްވި އެވެެ. ރައީސް ވިދާޅުވެފައި ވަނީ ޖޭޕީ އާއި އެމްއާރްއެމުން ވެސް އެމްޑީޕީއާ އެކީ ހަދާފައި އޮތް ކޯލިޝަން އާކުރާނެކަމުގެ ޔަގީންކަން އޮތް ކަމަށެވެ.
ނަމަވެސް އަޑުތައް އަރާފައިވާ ގޮތުން ޖޭޕީން އެމްޑީޕީއާ އެކީ ކޯލިޝަން ނަހަދައި މި އަހަރުގެ ރިޔާސީ އިންތިހާބަށް ނުކުންނާނެ އެވެ.
މި ފަހަރު އެމްޑީޕީއާ އެކު ކޯލިޝަން ހަދަން ނިންމީ މިހާރު ވެސް ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިތުރުން އަލަށް ކޯލިޝަން ހަދަން ނިންމި އެމްޑީއޭ އެވެ.