Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

މަޑުއްވަރީ ބޭރުތޮށިލުމުގެ މަސައްކަތް ކުރިއަށް

ރ. މަޑުއްވަރީ ބަނދަރު މަސައްކަތް ކުރިއަށްދާކަމަށް އެމަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ ރ. މަޑުއްވަރީ ދެކުނު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ހުރިހާ ޝިޕްމަންޓެއް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ. މިހާރު ކުރިއަށްދަނީ ބޭރުތޮށި ލުމުގެ މަސައްކަތާއި މޫރިންގ ބްލޮކްސް ހަރުކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

މި މަޝްރޫއުގެ ދަށުން، 73,120 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 7,280 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމާއި، 582 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 2,840 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ. ކުރިއަށް ހުރީ 135 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

ރ. މަޑުއްވަރީ ދެކުނު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 82.19 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.