Last Updated: July 26, 18:11
Monday, July 27, 2026
މުނިފޫހިފިލުވުން

"ޕަތާން" އަށް ދިން ލޯތްބަށް ޝާހްރުކްގެ ޝުކުރު

ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމުގެ ގޮތުގައި ޖެނުއަރީ މަހު ރިލީޒްކުރި "ޕަތާން" ހަދައި ދިނީތީ އެ ފިލްމުގެ ބަތަލު ޝާހްރުކް ޚާން ފޭނުންނަށް ޝުކުރު އަދާކޮށްފި އެވެ.

އުމުރުން 57 އަހަރުގެ އެކްޓަރު ކުރި ޓްވީޓެއްގައި ބުނީ އެ އެ ފިލްމު އެހާ ކާމިޔާބުވީ ފިލްމުގެ ޓީމުން ކުރި ބުރަ މަސައްކަތުން ކަމަށާއި އެކަން ބެލުންތެރިން ބަލައި ގަނެ، ފިލްމަށް ދިން ލޯތްބާއި ތަރުހީބަށްޓަކައި ޝުކުރު އަދާކުރާ ކަމަށެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ޝާހްރުކް ބުނި ގޮތުގައި އޭނަގެ މަސައްކަތަކީ ހަމައެކަނި އާމްދަނީ ހޯދަން ކުރާ ވިޔަފާރިއެއް ނޫނެވެ.

"އަހަރެމެން މި ކުރާ މަސައްކަތަކީ ބެލުންތެރިން މުނިފޫހި ފިލުވައިދީ، އެ މީހުންގެ މޫނުމައްޗަށް އުފާވެރިކަން ގެނެސްދިނުން،" އޭނަ ބުންޏެވެ. "އެހެންވެ އެކަން ވަރަށް ސީރިއަސްކޮށް ނަގާނަން. އެ ގޮތަށް ކާމިޔާބީ ވެސް އޮތީ."

މިދިޔަ ޖެނުއަރީ މަހުގެ 25 ގައި ރިލީޒްކުރި "ޕަތާން" އަކީ 2018 ގެ "ޒީރޯ" ގެ ނާކާމިޔާބީއާ ގުޅިގެން އެކްޓިންއާ ދުރުގައި ހުންނަތާ ހަތަރު ވަރަކަށް އަހަރު ފަހުން ޝާހްރުކް ކުޅުނު ފުރަތަމަ ފިލްމެވެ. ސިދާތު އާނަންދު ޑައިރެކްޓްކުރި މި އެކްޝަން ތުރިލާވެފައި ވަނީ މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި އިންޑިއާގެ އެއް ފިލްމަށެވެ.

ކާސްޓްގައި ދީޕިކާ ޕަދްކޯނާއި ޖޯން އަބްރަހަމް ވެސް ހިމެނޭ "ޕަތާން" ގެ ޖާދޫ އަދިވެސް ސިނަމާތަކުން ފިލައިގެން ނުދާ އިރު، މިހާތަނަށް ފިލްމަށް ލިބުނު އާމްދަނީ 126.83 މިލިއަން ޑޮލަރަށް ވަނީ އަރައިފަ އެވެ. މި ފިލްމު އުފެއްދި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ވަނީ ފިލްމުގެ ސީކްއެލްއެއްގެ އިޝާރާތެއް ވެސް ދީފަ އެވެ.

މި އަހަރު ޝާހްރުކްގެ އިތުރު ދެ ފިލްމެއް ވެސް ސިނަމާތަކަށް އަންނާނެ އެވެ. އެއީ ޖޫން އަށް ތާވަލުކޮށްފައި އޮތް އެކްޝަން ތުރިލާ "ޖަވާން" އާއި ޑިސެމްބަރަށް ތާވަލުކޮށްފައި އޮތް ސޯޝަލް ކޮމެޑީ "ދުންކީ" އެވެ.