Last Updated: July 3, 19:06
Friday, July 3, 2026
ރިޕޯޓް

އާ ހޮސްޕިޓަލް އަޅާނެ ބިމެއް ކަޑަނޭޅިފައި!

ފެބްރުއަރީ 8 ގައި އަންދާލި ހިތަދޫގައި ހުންނަ ޕޮލިސް ޓްރޭނިން ސްކޫލް. ފޮޓޯ/ އައްޑޫ ލައިވް

ހިތަދޫގައި 100 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ހަމަޖެހިފައިއެވެ. ސައުދީ ފަންޑުގެ 12.5 މިލިއަން ޑޮލަރާއި އޮޕެކް ފަންޑް ފޯ އިންޓަނެޝަނަލް ޑިވެލޮޕްމެންޓް (އޯއެފްއައިޑީ) އިން ދިން 8.4 މިލިއަން ރުފިޔާގެ ލޯން އާއި އެކު ޖުމްލަ 20.9 މިލިއަން ޑޮލަރު ވަނީ މި ހޮސްޕިޓަލް އެޅުމަށް ލިބިފައިއެވެ.

ހޮސްޕިޓަލް އެޅުމަށް ފަންޑް ހޯދަމުން ދިޔައިރު އޭރު ވަނީ ހޮސްޕިޓަލް އަޅާނެ ބިމެއް ކަނޑައަޅާފައިއެވެ. ހިތަދޫ ޒޯން ސްޓޭޑިއަމްގެ ދެކުނުން 202،500 އަކަ ފޫޓްގެ ބިމެއްް ހޮސްޕިޓަލެއް އެޅުމަށް ދީފައި ވާއިރު މިހާރު މި ސަރަހައްދުގައި ހޮސްޕިޓަލް އެޅުމަށް ކައުންސިލަކަށް ނުފެނެއެވެ.

އާ ހޮސްޕިޓަލްގެ ކުރެހުމާއި ޕްރޮޖެކްޓްގެ ބޮޑު ބައި މިހާރުވަނީ މުޅީން ހެން ނިމިފައިއެވެ. މި ހުރިހާ ކުރެހުމެއް ވެސް ފަރުމާ ކޮށްފައިވަނީ ޒޯން ސްޓޭޑިއަމްގެ ދެކުނުން ހޮސްޕިޓަލް އަޅަން ދީފައިވާ ބިމަށެވެ. އަޑު އިވޭ ގޮތުގައި މި މަހުގެ ތެރޭގައި އާ ހޮސްޕިޓަލްގެ ބިންގާ އަޅާނެއެވެ.

ނަަމަވެސް މިހާރު އައްޑޫ ސިޓީ ކައުންސިލުގެ ވިސްނުން ވަނީ ބަދަލުވެފައިއެވެ. ކައުންސިލްގެ ވިސްނުން ހުރީ ކުރިން ހިތަދޫ ޕޮލިސް ޓްރޭނިން ސެންޓަރު ހުރި ބިމުގައި އާ ހޮސްޕިޓަލް އެޅުމަށެވެ. އެހެންވެ އަވަސް މުސްތަގްބަލެއްގައި އާ ހޮސްޕިޓަލްގެ ބިންގާ އެޅޭނެ ކަމާއި މެދު ޝައްކެވެ.

އައްޑޫގެ މެޔަރ ސޯބެ އާއި އިތުރު ކައުންސިލަރުން ތަކެއް ވަނީ މި މައްސަލާގައި ހޯމް މިނިސްޓަރާއި ޕޮލިސް ކަމިޝްނާ އާއި ބައްދަލުކޮށް މަޝްވަރާކޮށްފައިއެވެ. ނަމަވެސް އެކަމަކަށް ވަކި ގޮތެއް ނުނިމޭ ކަމަށް ސޯބެ ވަނީ ވިދާޅުވެފައިއެވެ. އަދި މިކަމަށް އެންމެން ގުޅިގެން މަޝްވަރާ ކުރަން ޖެހިފައިވާ ކަމަށް ސޯބެ ވަނީ ވިދާޅުވެފައިއެވެ.

އައްޑޫގައި އެކަށީގެންވާ ސިއްޚީ ފަރުވާ ލިބެން ނެތުމަކީ އައްޑޫ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއެވެ. އާ ހޮސްޕިޓަލެއް ޒަމާނީ ވަސީލަތްތަކާއި އެކު ބިނާ ކުރަން އުޅޭ ވާހަކަ އަޑު އިވުމާއި އެކު ރައްޔިތުންގެ މޫނު މަތި އަލިވެ އުޖާލާ ވެއްޖެއެވެ އެ ތަނުގައި އިމާރާތެއް އެޅި ހިދްމަތް ލިބޭނެ ދުވަހަކީ އައްޑޫ ރައްޔިތުން އެންމެ ދެކެން ބޭނުން ވާނެ އެއް ދުވަހެވެ.

ހެރެތެރެ ރިސޯޓާއި ޝަންގްރިއްލާ ހުޅުވުމުން ލިބުނު އުފަލަށް ވުރެ ބޮޑު އުފަލަކަށް އެކަން ވާނެ ކަން ޔަޤީނެވެ. ނަމަވެސް އާ ހޮސްޕިޓަލް އެޅުމަށް ދީފައިވަ ބިމުގެ މައްސަލަ އާއި ގުޅިގެން ހޮސްޕިޓަލް އެޅުން ލަސްވެ، މި ޕްރޮޖެކްޓް ގެ ފަސް ވެއްޖެ ނަމަ މި ހޮސްޕިޓަލް ނޭޅި ދިއުމުގެ ބިރުވެސް ބޮޑެވެ.

ކައުންސިލުން ޕޮލިސް ޓްރޭނިން ސްކޫލް ހުރި ބިމަށް ހޮސްޕިޓަލް ބަދަލު ކުރަން ވިސްނާ މައިގަނޑު ސަބަބަކީ ހިތަދޫ ބަނދަރާއި ކައިރި ވުމާއި، ރަށު ތެރޭގައި މި ބިން އޮތުމެވެ. އަނެއް ކޮޅުން ޒޯން ސްޓޭޑިއަމް ސަރަހައްދު ކުޅިވަރު ވިލެޖަކަށް ބަދަލު ކުރުމުގެ ޕްލޭންތަކެއް ކައުންސިލުން އެބަ ގެން ގުޅެއެވެ. ހާއްސަ ކޮށް 2014 ވަނަ އަހަރު އޭޝިއަން ޗެލެންޖް ކަޕްގެ ގްރޫޕް ސްޓޭޖް މެޗްތައް އައްޑޫގައި ކުޅުމަށް ނިންމާފައި ވުމާއި އެކު ސްޓޭޑިއަމް ސަރަހައްދަށް ބޮޑެތި ބަދަލު ތަކެއް އަންނާނެތީއެވެ.

ޕޮލިސް ޓްރޭނިން ސްކޫލް ފެބްރުއަރީ 8 ގެ ހުޅުޖެހުމުގެ ހާދިސާގައި ބޮޑު ބައި އަންދާފައިވާ އިރު އެ ސަރަހައްދުގެ ވަށައިގެންވާ ބިންތައް ވަނީ ހިތަދޫގެ އިންޑަސްޓްރިއަލް ޒޯންއެއްގެ ގޮތުގައި ތަރައްޤީކޮށްފައިއެވެ. ބޮޑެތި ގުދަންތަކާއި، ރެސްޓޯރެންޓް/ ކެފޭ ތަކަށް ދީފައިވާ އިރު އާ ހޮސްޕިޓަލް މި ބިމުގައި އަޅަން ނިންމައިފި ނަމަ މި ތަންތަނަށް ވާނެ ގޮތަކާއި މެދު ވެސް ވިސްނާލަން ޖެހޭނެއެވެ. އެއީ އާއްމުންގެ އެތައް މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ތަކެވެ.

ދެން އޮތީ ދަތުރުފަތުރުގެ ވާހަކައެވެ. އައްޑޫގެ ތަރައްޤީގެ ޕްލޭން އެކުލަވާފައިވާ ގޮތުން ފޭދޫ ބަނދަރަކީ އައްޑޫގެ ކަނޑު ދަތުރު ތަކުގެ މައި ބަނދަރެވެ. ޓްރާންސްޕޯރޓް ހަބެވެ. ހުޅުމީދޫ/ ފުވައްމުލަކުން އަންނަ މީހުންނާއި އުޅަނދު ފަހަރަށް ހާއްސަ ކުރެވިފައިވަނީ މި ބަނދަރެވެ. އަދި އެ ދަތުރު ތަކާއި ގުޅޭ އެއްގަމު ޓްރާސްޕޯރޓް ވެސް ހަމަޖެހިފައިވާނީ މި ބަނދަރުންނެވެ. އެހެންވެއްޖެ ނަމަ ހިތަދޫ ބަނދަރާއި ކައިރި ވުމަކުން އޮތް ފައިދާއެއް ނެތެވެ.

ހިތަދޫ ޒޯން ސްޓޭޑިއަމް ސަރަހައްދުން ހޮސްޕިޓަލް އެޅުމަށް ދީފައިވާ ބިމުގެ ސާވޭ، ފަންޑް ދިންފަރާތަކުން ވަނީ ކޮށްފައިއެވެ. އަދި އިތުރު ސާވޭ އަކަށް ހައުސިން މިނިސްޓްރީގެ އޮފިޝަލުންނާއި ސައުދީ ފަންޑުގެ ބައެއް އިސްވެރިން އަންނަ ހަފްތާގައި އައްޑޫއަށް ދަތުރުކުރުމަށް ވަނީ ހަޖެހިފައިއެވެ.

ނަމަވެސް އަދިވެސް އިމާރާތް ކުރާނެ ބިމެއް ހަމަނުޖެހެއެވެ. އެކަން ވަނީ ބޮޑު މައްސަލަގަޑެއްގެ ތެރޭގައިއެވެ، އެހެންވެއްޖެ ނަމަ އައްޑޫ ރައްޔިތުންގެ އުންމީދާއި ގުޅިފައިވާ ހޮސްޕިޓަލް ނުފެނުމަކީ އެކަށީގެންވާ ކަމަކެވެ. މިކަމާއި ރަތްޔިތުންގެ ބަސް މިހާރު ބޭނުންވެއްޖެއެވެ.