ޓެކްނިކަލް ދާއިރާ އިން އަންހެނުން ބިނާކޮށް އެ ދާއިރާގައި މަސައްކަތްކުރާ އަންހެނުން އިތުރު ކުރުމުގެ ގޮތުން އެސް.ޓީ.އޯއިން ސްކޮލަޝިޕް ދޭން ނިންމައިފި އެވެ.
އެގޮތުން ތިން ދާއިރާއަކުން މިހާރު ވަނީ ސްކޮލަޝިޕްތަކަށް ކުރިމަތިލާން ހުޅުވާލައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެޑްވާންސްޑް ސެޓިފިކެޓް އިން އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިން އާއި އެޑްވާންސްޑް ސެޓިފިކެޓް އިން ރެފްރިޖަރޭޝަން އެންޑް އެއާ ކޮންޑިޝަނިން އަދި ސެޓިފިކެޓް 3 އިން އިލެކްޓްރޯނިކްސް ހިމެނެ އެވެ. މީގެ ތެރެއިން އެޑްވާސްޑް ލެވެލްގެ ދެ ކޯހަކީ އަހަރު ދުވަހުގެ ދެ ކޯހެވެ. އަދި އަނެއް ކޯހަކީ ހަތަރު މަހުގެ ކޯހެކެވެ.
Investing in the future of Women in the technical field#IWD23 #DigitALL #MySTO #STOCareer pic.twitter.com/9YvCYXq3gD
— STO (@stoplc) March 8, 2023
މި ދާއިރާތަކުން ހުޅުވައިލި ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ސުންގަޑި އަކީ މި މަހުގެ 31 އެވެ..
އެސްޓީއޯ އިން ބުނީ ހުޅުވާލީ ޖުމްލަ 15 ޖާގަ އަށް ކަމަށެވެ. އެ ކުންފުނިން ބުނި ގޮތުގައި ސްކޮލަޝިޕްގެ ދަށުން ކޯސްތައް ފުރިހަމަކުރުމަށް ފަހު އެސްޓީއޯގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ފަހިކޮށް ދެވޭނެ ކަމަށެވެ.
އެސްޓީއޯ އިން މިދިޔަ އަހަރުގެ ތެރޭގައި ޑިޕްލޮމާ އިން ރޭޑިއޮގްރަފީ ކޯހެއް އޭޑީކޭއާ ގުޅިގެން ފަށާފައިވެ އެވެ. ޖުމްލަ 25 ދަރިވަރަކަށް ފުރުސަތު ދިން ކޯހުގެ މުއްދަތަކީ ދެ އަހަރާއި ހަ މަހެވެ. މިއީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އާއި އެލައިޑް ހެލްތު ކައުންސިލުން ގަބޫލުކުރާ އެ އިދާރާތަކުގެ ހުއްދަ ލިބިފައިވާ ކޯހެކެވެ.