Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ރޯދަ އަށް ހާއްސަ ހަ ޝިޕްމަންޓެއް ގެންނާނެ

ރޯދަމަހު އާންމުކޮށް ބޭނުންކުރާ ބާވަތްތައް ހުސްވިޔަނުދީ ލިބޭނެކަން ކަށަވަރު ކުރުމަށް އެސްޓީއޯއިން ހާއްސަ 6 ޝިޕްމެންޓެއް ގެނައުމަށް ނިންމާފައިވާ ކަމަށް ސްޕޯކްސްޕާސަން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ރޯދަމަހާ ދިމާކޮށް ތަކެތީގެ އަގުތައް އުފުލުނަ ނުދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ ރޯދައާ ގުޅިގެން ތަކެތީގެ އަގުތައް ކޮންޓްރޯލް ކުރުމަށް ކޮންމެ އަހަރުވެސް އެސްޓީއޯއިން މުހިންމު މަސައްކަތްތަކެއް ކުރާކަމަށެވެ. އަދި ރޯދަމަހުގެ ޑިމާންޑާއި އެއްވަރަށް ބާޒާރަށްތަކެތި ނެރުމަށްވެސް މުހިންމު މަސައްކަތްތަކެއް ކުރާ ކަމަށެވެ.

އެގޮތުން މިއަހަރު ރޯދަމަހަށް ތަކެތި ހުސްވިޔަނުދީ ހިފެހެއްޓުމަށް، ސަޕްލައިއަށް ބަލައިގެން ޖުމުލަ ހަ ޝިޕްމަންޓެއް ގެނައުމަށް ރޭވިފައިވާ ކަމަށް މިއުވާން ވިދާޅުވިއެވެ. މީގެތެރޭގައި ފިޔާ، އަލުވި އަދި ބިސް ފަދަ ތަކެތި ހިމެނޭ ޝިޕްމެންޓްތައް ހިމެނޭކަމަށް ވިދާޅުވިއެވެ.

މި ހަ ޝިޕްމަންޓްގެ ތެރެއިން ފުރަތަމަ ޝިޕްމަންޓް ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ގެނެވިފައިވާ ކަމަށާއި މީގެތެރެއިން ބައެއް ތަކެތި އެސްޓީއޯއިން މިހާރުވެސް ވިއްކަން ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.