ސްޓެލްކޯއަށް ގިނަ ދުވަހު ހިދުމަތް ކޮށްދިން ހަތަރު މުވައްޒަފަކަށް ހައްޖާއި އުމްރާ ދަތުރު ދީފި އެވެ.
މި އަހަރުގެ ހައްޖު އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ލިބޭ މުވައްޒަފުން ގުރުއަތުން ހޮވާފައިވަނީ ގެ ރޭ ކުޑަގިރީގައި މިއަހަރުގެ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށާއި، ރަމަޟާން މަހަށް މަރުހަބާ ކިއުމުގެ އިތުރުން، ކުންފުނިންދޭ ހައްޖު އަދި އުމްރާގެ ފުރުސަތަށް ގުރުއަތު ނެގުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.
ސްޓެލްކޯ އިން ބުނީ މިއަހަރު ޙައްޖާއި ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް (އަންހެން ފިރިހެން ވަކިން) ހުޅުވާލި ފުރުޞަތަށް އިޖާބަދީ ޙައްޖުގެ އަޅުކަން އަދާކުރުމަށް އެދި ހުށަހެޅި މުވައްޒަފުންގެ ތެރެއިން ޝަރުތު ފުރިހަމަވެފައި ވަނީ ފިރިހެން 96 މުވައްޒަފުން އަދި އަންހެން 22 މުވައްޒަފުން ކަމަށެވެ. އަދި ޢުމުރާގެ އަޅުކަން އަދާކުރުމަށް އެދި ހުށަހެޅި މުވައްޒަފުންގެ ތެރެއިން ޝަރުތު ފުރިހަމަވެފައި ވަނީ ފިރިހެން 262 މުވައްޒަފުން އަދި އަންހެން 56 މުވައްޒަފުން ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.
މި މުވައްޒަފުންގެ މެދުގައި ޤުރުއަތުލައިގެން ހައްޖުގެ އަޅުކަން އަދާކުރުމަށް ފިރިހެން މުވައްޒަފުންގެ ތެރެއިން ހޮވިފައި ވަނީ ޢަބްދުﷲ ޝަރީފް، ޓްރާންސްމިޝަން، އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓް އަދި އަންހެން މުވައްޒަފަކަށް ހޮވިފައިވަނީ، ޙަދީޖާ ތައުފީޤާ، ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓް އެވެ.
ޤުރުއަތުލައިގެން އުމްރާގެ އަޅުކަން އަދާކުރުމަށް ހޮވިފައިވާ ފިރިހެން މުވައްޒަފަކީ، ޝާހުލް ހަމީދު، ސާރވިސް ސެންޓަރ އަދި އަންހެން މުވައްޒަފަކަށް ހޮވިފައިވަނީ، ފާތިމަތު ރިޒްނާ، ޕްރޮކިއުމަންޓް ޑިޕާޓްމަންޓް އެވެ.
ސްޓެލްކޯއިން ދެމުންގެންދާ ހައްޖުގެ އަޅުކަމުގެ ފުރުސަތު ދެނީ ކުންފުންޏަށް 15 އަހަރު ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށެވެ. އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ދެނީ ކުންފުންޏަށް 5 އަހަރު ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށެވެ.