Last Updated: July 26, 18:11
Monday, July 27, 2026
މުނިފޫހިފިލުވުން

"އާރްއާރްއާރް" ގެ ބަތަލަށް ހޮލީވުޑްގެ ފިލްމެއް

ބޭރު ދުނިޔޭގައި އިންޑިއާގެ ސިނަމާގެ ވަރުގަދަކަން ދައްކައިލި މިދިޔަ އަހަރުގެ ފިލްމު "އާރްއާރްއާރް" ގެ ބަތަލު ރާމް ޗަރަން އަށް ހޮލީވުޑްގެ ފިލްމަކުން ފުރުސަތު ލިބިފައިވާ ކަމަށް ބުނެފި އެވެ.

މި މަހުގެ 12 ގައި ބާއްވާ 95 ވަނަ އޮސްކާ އެވޯޑްސްގެ އެންމެ މޮޅު އޮރިޖިނަލް ލަވަ އަށް ނޮމިނޭޓްވެފައިވާ ފިލްމުގެ އެކްޓަރު މި ވަގުތު އެމެރިކާގައި ހުރެ މަޝްހޫރު ހޯސްޓް، ސޭމް ފްރެގޯސޯގެ ޕޮޑްކާސްޓް ޝޯ "ޓޯކް އީޒީ ވިތު ސޭމް ފްރެގޯސޯ" އަށް ދިން އިންޓަވިއުއެއްގައި ވަނީ ހޮލީވުޑްގެ ފިލްމަކުން ފުރުސަތު ލިބިފައިވާކަން ކަށަވަރުކޮށް ދީފަ އެވެ.

އެކަމަކު އެކަމާ ގުޅޭ މަޝްވަރާތަކެއް އަދި ކުރިއަށްދާތީ އިތުރު ތަފުސީލަކަށް ނުގޮސް ޗަރަން ބުނީ މާ ލަސްތަކެއް ނުވެ ފިލްމު އިއުލާން ވެސް ކުރާނެ ކަމަށެވެ.

"އަހަރެން އެ ފިލްމުގެ ސެޓަށް ދާން މާ ގިނަ ދުވަހެއް ނެތޭ ބުނެވިދާނެ." މަޝްހޫރު ތެލެގޫ އެކްޓަރު ބުންޏެވެ.

ޗަރަން، 37، ބުނި ގޮތުގައި "އާރްއާރްއާރް" ވެފައި ފުރުސަތުތައް ފަހިވާން ލިބުނު ވަރުގަދަ ޕްލެޓްފޯމަކަށެވެ. ސަބަބަކީ އެ ފިލްމަށް ކުރި ބުރަ މަސައްކަތާ އެކީ އިންޑިއާގެ ފަންނާނުންގެ ހުނަރު ވެސް މިހާރު ބައިނަލްއަގުވާމީ މައިދާނުގައި ވިދާލައިފައިވުމެވެ. "އާރްއާރްއާރް" އަކީ ހޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ޖޭމްސް ކެމަރޮން އާއި ސްޓީވެން ސްބީލްބާގްގެ ތައުރީފު ވެސް ވަރަށް ބޮޑަށް ލިބުނު ފިލްމެކެވެ.

"ބާހްބަލީ" ގެ ދެ ފިލްމު ގެނެސްދިން ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" އަކީ އޭގެ ލަވަ "ނާތު ނާތު" އަށް މި އަހަރުގެ ގޯލްޑެން ގްލޯބްސްގެ އެންމެ މޮޅު އޮރިޖިނަލް ލަވައިގެ އެވޯޑް ވެސް ލިބުނު ފިލްމެކެވެ.

މި ފިލްމުގެ ދެ ބަތަލުންގެ ތެރެއިން ޗަރަން އަށް ހޮލީވުޑްގެ ފިލްމަކުން ފުރުސަތު ލިބިފައިވާކަން ކަށަވަރުކޮށް ދިން އިރު، "އާރްއާރްއާރް" ގެ އަނެއް ބަތަލު އެންޓީއާރް ޖޫނިއާ ބުނެފައިވާ ގޮތުގައި މާވެލް ސްޓޫޑިއޯސްގެ ފިލްމެއްގައި މަސައްކަތްކުރުމަކީ އޭނަގެ ވަރަށް ބޮޑު އުންމީދެކެވެ.