Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ދިވެހި މަހުން ޑިއުޓީ ކަނޑާލަން ރައީސް އެދިވަޑައިގެންފި

ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓްކުރާ މަހަށް ނަގާ 24 އިންސައްތަ ޑިއުޓީ ކަނޑާލުމަށް މަސައްކަތްކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި އެވެ.

ރައީސް މިކަމަށް އެދިވަޑައިގެންނެވީ ޖަރުމަނުގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސުލް ޖެނެރަލް، ކްރިސްޓިއަން ފޮން ސްޓެޓެން އަދި އޮނަރަރީ ކޮންސުލް، އެންޑްރިއާސް ޕީޓާ ވިއްޓެއާއެކު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.

މިބައްދަލު ކުރެއްވުމުގައި ރާއްޖެއާ ޖަރުމަނާއި ދެމެދު އިތުރަށް ގުޅުން ބަދަހިކުރުމާ، ދެޤައުމުގެ ދެމެދުގައި ވިޔަފާރިއާ، އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ހުރި ފުރުޞަތުތަކާއި ގުޅޭ ގޮތުންވެސް ތިންބޭފުޅުން ވަނީ މަޝްވަރާކުރައްވާފަ އެވެ. އަދި ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓްކުރާ މަހަށް ނަގާ 24 އިންސައްތަ ޑިއުޓީ ކަނޑާލުމަށް މަސައްކަތްކޮށްދެއްވުމަށް އެދެބޭފުޅުންގެ އަރިހުން ރައީސް އެދިވަޑައިގެންނެވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރެއްވުމަށާއި، ޖަރުމަނުވިލާތާއި ރާއްޖެއާ ދެމެދު އޮތް ސިޔާސީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވައި، ޖަރުމަނުވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލް ޖެނެރަލްއާ، އޮނަރަރީ ކޮންސުލްއަށް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާއާ، އޮނަރަރީ ކޮންސުލް ޖެެނެރަލް އަދި އޮނަރަރީ ކޮންސުލް ބޭއްވެވި މިބައްދަލުކުރެއްވުން ނިންމަވާލެއްވީ، ދެޤައުމުގެ ރައްޔިތުންގެ ލާބައާ މަންފާއަށްޓަކައި އެކުގައި ގުޅިގެން މަސައްކަތް ކުރެއްވުމުގެ ޔަޤީންކަން އަރުވަމުން ކަމަށް ރައީސް އޮފީހުން މަޢުލޫމާތުދެ އެވެ.

ރާއްޖެއާ ޖަރުމަނާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ، 05 ޖުލައި 1966 ގަ އެވެ.