Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ފަރެސްމާތޮޑާ އެއާޕޯޓަށް ހޯމައިގައި ޓެސްޓު ފްލައިޓު

ގދ. ފަރެސްމާތޮޑާ ގައި ތަރައްގީ ކުރަމުން އަންނަ އެއާޕޯޓަށް އަންނަ ހޯމަ ދުވަހު ޓެސްޓު ފްލައިޓު ޖެއްސުމަށް ނިންމައިފި އެވެ.

ފަރެސްމާތޮޑާ އެއާޕޯޓުގެ ރަސްމީ ސޯޝަލް މީޑިއާ ޕޭޖުގައ ބުނެފައިވަނީ މި މަހުގެ 13 ވަނަ ދުވަހު މެންދުރު ފަހު 03:45 ގައި ފަރެސްމާތޮޑާ އެއާޕޯޓަށް ޓެސްޓު ފުލައިޓް ޖައްސަން މިހާރުވަނީ ފައިނަލް ކުރެވިފައިވާ ކަމަށެވެ. އެ އެއާޕޯޓަށް ޖައްސާނީ މޯލްޑިވިއަންގެ ފްލައިޓެއް ކަމަށް ބުނެފައިވެ އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އެ އެއާޕޯޓްގައި ކުރަން ހުރި މައިގަނޑު ހުރިހާ މަސައްކަތްތަކެއް ވެސް މިހާރު ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ އެއާޕޯޓް ހުޅުވުމަށް ތައްޔާރުވުމުގެ ގޮތުން ކުރަން ހުރި ކުދިކުދި ބައެއް މަސައްކަތްތައް ކަމަށެވެ. މި އެއާޕޯޓަށް ރޭގަނޑު ފްލައިޓްތައް ޖެއްސޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ރަންވޭގައި ލައިޓް ހަރުކޮށް އެކަން ވެސް ޓެސްޓްކޮށްފައިވެ އެވެ.

ފަރެސްމާތޮޑާ އެއާޕޯޓަކީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

އެ ކުންފުންޏާ މަޝްރޫއު ހަވާލުކުރީ 2020 ގެ ނޮވެމްބަރުގަ އެވެ. މި އެއާޕޯޓްގައި އޮންނާނީ 1،200 މީޓަރުގެ ރަންވޭއެކެވެ. އެމްޓީސީސީއާ ފަރެސްމާތޮޑާ އެއާޕޯޓް ހަވާލުކުރީ 144.8 މިލިއަން ރުފިޔާއަށެވެ. އަދި އެތަނުގެ އަމަލީ މަސައްކަތް ފެށީ 2021 ގެ ކުރީކޮޅު އެވެ.