Last Updated: July 16, 11:54
Thursday, July 16, 2026
ކުޅިވަރު

ބޮޑު މޮޅަކާ އެކު ޔުނައިޓެޑް ކުއާޓާއާ ގާތަށް

ޔޫރޮޕާ ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ރޭ ރެއާލް ބެޓިސް 4-1 އިން ބަލިކޮށް މުބާރާތުގެ ކުއާޓާފައިނަލާ ގާތަށް މެންޗެސްޓާ ޔުނައިޓެޑުން ޖެހިލައިފި އެވެ.

މި ނަތީޖާތަކާ އެކު ކުއާޓާ އަށް ދިޔުމަށް ޔުނައިޓެޑަށް މިހާރު ވަނީ އުއްމީދު ބޮޑުވެފަ އެވެ. އެގޮތުން އަންނަ ބުރާސްފަތި ދުވަހު ކުޅޭ ދެ ވަނަ ލެގުގެ މެޗު އެއްވަރުކޮށްލައިގެން ވެސް ޔުނައިޓެޑަށް ކުއާޓާ އަށް ދެވޭނެ އެވެ.

ޔުނައިޓެޑްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ހަވަނަ މިނެޓްގައި މާކަސް ރަޝްފޯޑް ވަނީ ޔުނައިޓެޑަށް ލީޑު ނަގާދީފަ އެވެ. ރަޝްފޯޑް މި ގޯލު ކާމިޔާބު ކުރީ ބެޓިސްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ. މިއީ މި ސީޒަނުގައި ރަޝްފޯޑް ކާމިޔާބު ކުރި 26 ވަނަ ގޯލެވެ.

މި ގޯލަށް ފަހު ބެޓިސް އިން ކުޅުން ރަނގަޅު ކުރިއިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން އަޔޯޒޭ ޕެރޭޒް ވަނީ ބެޓިސް އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ނަމަވެސް މެޗުގެ 52 ވަނަ މިނެޓްގައި އެންޓޮނީ ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ ޔުނައިޓެޑަށް އަލުން ލީޑު ނަގާދީފަ އެވެ. މިއީ ބެޓިސްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން އެންޓޮނީ ކާމިޔާބުކުރި ގޯލެކެވެ. އަދި މެޗުގެ 58 ވަނަ މިނެޓްގައި ބްރޫނޯ ފެނާންޑޭސް ޔުނައިޓެޑްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ބެޓިސްގެ ޕެނަލްޓީއޭރިއާ ތެރޭ މުޅިން ހުހަށް ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

ޔުނައިޓެޑްގެ ހަތަރުވަނަ ގޯލު މެޗުގެ 82 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވެގޯސްޓެވެ. މިއީ މިދިޔަ ޖެނުއަރީގައި ޔުނައިޓެޑާ ގުޅުނު ވެގޯސްޓް އެޓީމަށް ކާމިޔާބުކޮށްދިން ދެވަނަ ގޯލެވެ.

ޔޫރޮޕާ ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ރޭ އާސެނަލް އާއި ސްޕޯޓިން ލިސްބަން ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ޔުވެންޓަސް އިން ޖަރުމަނުގެ ފްރެއިބާގް 1-0 އިން ބަލިކުރިއިރު ރޯމާ އިން ވަނީ 2-0 އިން ރެއާލް ސޮސިއެޑާޑް ބަލިކޮށްފަ އެވެ.