Last Updated: July 26, 18:11
Monday, July 27, 2026
މުނިފޫހިފިލުވުން

ރަންބީރްގެ ލޯ މިހާރު ކްރިތީ އަށް

ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން މިހާރު ދެން އެންމެ ބޮޑަށް އެކީގައި މަސައްކަތްކުރަން ބޭނުންވާ ބަތަލާ އަކީ ކްރިތީ ސެނަން ކަމަށް އެކްޓަރު ރަންބީރް ކަޕޫރް ބުނެފި އެވެ.

މަޝްހޫރު ބަތަލާ އާލިއާ ބަޓްގެ ފިރިމީހާ އަލަށް ޝްރަދާ ކަޕޫރާ އެކީ ކުޅުނު ފިލްމު "ތޫ ޖޫޓީ މޭ މައްކާރް" މީގެ ދެ ދުވަސް ކުރިން ރިލީޒްކޮށް، ބޮކްސް އޮފީހުގައި މިހާރު ބޮޑު ތަރުހީބެއް ހޯދަމުން އަންނަ އިރު، ފިލްމުގެ ޕްރޮމޯޝަންގެ ތެރެއިން މީޑިއާތަކާ ވާހަކަ ދައްކަމުން ރަންބީރް ބުނީ ކްރިތީއާ އެކީ މަސައްކަތްކޮށްލަން ވަރަށް ބޭނުންވާ ކަމަށެވެ.

އޭނަ ބުނީ ކްރިތީ އަކީ ވަރަށް ހުނަރުވެރި ބަތަލާއެއްގެ އިތުރުން އެހާމެ ރީތި ވެސް ބަތަލާއެއް ކަމަށެވެ. އެހެންވެ އެ ދެ މީހުންނަށް އެކީގައި ފިލްމެއް ކުޅެލަން ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ބުންޏެވެ.

އެންމެ ފަހުން ބޭއްވި ފިލްމުފެއާ އެވޯޑްސްގައި ފިލްމު "މިމީ" ގައި ކުޅުނު ރޯލަށް މޮޅު ބަތަލާގެ އެވޯޑް ވެސް ލިބުނު ކްރިތީ، 32، އަކީ މިހާރު ބޮލީވުޑްގައި ތިބި ޒުވާން ބަތަލާއިންގެ ތެރެއިން އެންމެ ޑިމާންޑް ބޮޑު އެކެކެވެ. "ބާހްބަލީ" ގެ ބަތަލު ޕްރަބާސްއާ ރައްޓެހިވެގެން އުޅޭ ކަމަށް އަޑު އަރާފައިވާ ކްރިތީގެ އެންމެ ފަހުގެ ފިލްމަކީ ކާތިކް އާރިޔާނާ އެކީ ކުޅުނު އަދި މިދިޔަ މަހުގެ 17 ގައި ރިލީޒްކުރި "ޝެހެޒާދާ" އެވެ.

"ބޭޅިޔާ" އާއި "ލުކާ ޗުއްޕީ" އާއި "ދިލްވާލޭ" އަދި "ހައުސްފުލް 4" ފަދަ ފިލްމުތައް ކުޅެފައިވާ ކްރިތީގެ ކުރިއަށް އޮތް ފިލްމަކީ ޕްރަބާސްއާ އެކީ ފެންނާނެ އަދި ޖޫން 16 އަށް ތާވަލުކޮށްފައި އޮތް "އާދިޕުރުޝް" އެވެ. މީގެ އިތުރުން އޮކްޓޯބަރު 20 ގައި ކްރިތީ އާއި ޓައިގާ ޝްރޮފްގެ އެކްޝަން ތުރިލާ "ގަނަޕަތު: ޕާޓް 1" ވެސް ރިލީޒްކުރާނެ އެވެ. ކްރިތީ ބޮލީވުޑަށް ނުކުތީ ޓައިގާއާ އެކީ ކުޅުނު 2014 ގެ "ހީރޯޕަންތީ" އިންނެވެ.

ކްރިތީގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ޝާހިދު ކަޕޫރާ އެކީ ކުޅޭ ފިލްމަކާއި ކަރީނާ ކަޕޫރާއި ތައްބޫ ވެސް ކާސްޓްގައި ހިމެނޭ "ދަ ކްރޫ" ހިމެނެ އެވެ.