Last Updated: July 26, 18:11
Monday, July 27, 2026
މުނިފޫހިފިލުވުން

ކަރަންގެ ފިލްމުން ދެ ކޮމީޑިއަނުން

ބޮލީވުޑްގެ ޑައިރެކްޓަރު ކަރަން ޖޯހަރް މި އަހަރު ގެނެސްދޭން ހަމަޖެހިފައިވާ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ހާއްސަ ފެނިލުންތަކުން ކައިވެނިކޮށްގެން އުޅޭ މަޝްހޫރު ދެ ކޮމީޑިއަނުން ކަމަށްވާ ބާރްތީ ސިންގް އާއި ހާޝް ލިމްބާޗިއާ ވެސް ފެންނާނެކަން ކަށަވަރުކޮށް ދީފި އެވެ.

މިކަން ޔަގީންކޮށް ދިނީ ބާރްތީ ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގަ އެވެ. އޭނަ ބުނީ ކަރަންގެ ފިލްމުގެ ހާއްސަ ފެނިލުންތަކެއްގައި ބައިވެރިވާން ކަރަން ގުޅާފައި ފުރުސަތު ދިނުމުން ވަރަށް އުފާވި ކަމަށެވެ. ބާރްތީ ބުނި ގޮތުގައި އޭނަ އާއި ހާޝް ކަރަންގެ ފިލްމުން ފެންނާނީ އޭގެ ވާހަކައިގެ ތެރެއިން އަންނަ އިޝްތިހާރަކުންނެވެ. ނަމަވެސް އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.

އިންޑިއާގެ އެންމެ މަގުބޫލު ކޮމީޑީއަނުންގެ ތެރޭގައި ހިމެނޭ ބާރްތީ މީގެ ކުރިން ވެސް ބައެއް ފިލްމުތަކުގައި ކުދިކުދި ރޯލުތައް ކުޅެފައިވެ އެވެ. އެގޮތުން ބޮލީވުޑްގެ މަޝްހޫރު މިއުޒިކް.ފިލްމު ކުންފުނި ޓީ ސީރީޒްގެ ވެރިޔާ ބުޝަން ކުމާރުގެ އަންހެނުން ބަތަލާ ދިވްޔާ ކޯސްލާ ކުމާރު ޑައިރެކްޝަނަށް ނުކުތް 2016 ގެ "ސަނަމް ރޭ" ގެ ރޯލެއް ބާރްތީ ކުޅުނެވެ.

އޭނަ އާއި ހާޝް ކައިވެނުކުރީ 2017 ގަ އެވެ. އެ ދެ މީހުންނަށް ދަރިޔަކު ލިބުނީ މިދިޔަ އަހަރު އެވެ.

މި އަހަރުގެ ޖުލައި 28 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އިންޑިއާގެ ޓީވީ އިންޑަސްޓްރީގެ މަޝްހޫރު އިތުރު ތަރިންތަކެއް ވެސް ހާއްސަ ފެނިލުންތަކެއް ފެންނާނެ އެވެ. އޭގެ ތެރޭގައި އަރުޖުން ބިޖިލާނީ، ޝްރަދާ އަރިއާ، ސްރިތީ ޖާ އަދި އަރިޖިތު ތަނޭޖާ ހިމެނެ އެވެ.

ރޮމޭންޓިކް ކޮމެޑީއެއްގެ ގޮތުގައި ގެނެސްދޭ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ މައިގަނޑު ކާސްޓުންނަކީ ރަންވީރު ސިންގް އާއި އާލިއާ ބަޓާއި ދަރުމެންދުރާ އާއި ޖަޔާ ބައްޗަންގެ އިތުރުން ޝަބާނާ އާޒްމީ އެވެ. އަދި މިއިން ފެންނާނެ ތަރިންގެ ތެރޭގައި ސާރާ އަލީ ޚާން އަދި އަމްރިތާ ޕޫރީ ހިމެނެ އެވެ.

"ކުޗް ކުޗް ހޯތާ ހޭ" އާއި "ކަބީ ހުޝީ ކަބީ ޢަމް" ފަދަ މަޝްހޫރު ފިލްމުތައް ގެނެސްދިން ކަރަންގެ އެންމެ ފަހުގެ ފިލްމަކީ 2016 ގެ "އޭ ދިލް ހެ މުޝްކިލް" އެވެ.