Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ބީއެމްއެލް އިން ފޮނުވާ ލޮގިން ނޮޓިފިކޭޝަން އިތުރުކުރަނީ

ކަސްޓަމަރުންގެ ރައްކާތެރިކަމަށް އަޅާ އިތުރު ފިޔަވަޅެއްގެ ގޮތުން މިއަދުން ފެށިގެން އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިން އަށް ލޮގިންކުރަން މަސައްކަތްކޮށް ނުވަދެވޭ ހާލަތްތަކުގައި ނޮޓިފިކޭޝަން ލިބޭ ގޮތަށް ބީއެމްއެލް އިން ހަމަޖައްސައިފި އެވެ.

ބީއެމްއެލް އިން ބުނީ މިއީ މިހާރުވެސް ލޮގިން ކުރާ އިރު ފޮނުވާ އެލާޓްގެ އިތުރުން ކަސްޓަމަރުންނަށް ލިބޭނެ ނޮޓިފިކޭޝަނެއް ކަމަށެވެ. އަދި އިންޓަނެޓް އަދި މޮބައިލް ބޭންކިން އަށް ޖެހިޖެހިގެން ތިން ފަހަރު ވަންނަން މަސައްކަތްކޮށް ލޮގިން ނުވެވިއްޖެނަމަ މި ހިދުމަތް މެދުކެނޑޭ ހާލަތްތަކުގައި އީމެއިލް މެދުވެރިކޮށް ކަސްޓަމަރުންނަށް އެލާޓް ލިބޭނެ ކަމަށް ބޭންކުން ބުނެ އެވެ.

މި ނޮޓިފިކޭޝަންތައް ކަސްޓަމަރުންނަށް ފޮނުވަނީ އިންޓަނެޓް އަދި މޮބައިލް ބޭންކިން އަށް ވަންނަން މަސައްކަތްކުރާ ހާލަތެއްގައި ކަސްޓަމަރުންނަށް އެކަމުގެ މައުލޫމާތު ދިނުމުގެ ގޮތުން ކަމަށާއި މިހާލަތްތަކުގައި އީމެއިލް ފޮނުވާނީ ބޭންކުގައި ރަޖިސްޓްރީކޮށްފައިވާ އީމެއިލް އެޑްރެހަށް ކަމަށް ބޭންކުން މައުލޫމާތުދެ އެވެ،

ބީއެމްއެލް އިން ބަނީ އިންޓަނެޓް އަދި މޮބައިލް ބޭންކިން ޔޫސަރނޭމާއި ޕާސްވޯޑް އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށާއި އަދި ދޭތެރެދޭތެރެއިން ޕާސްވޯޑް ބަދަލުކޮށް އަބަދުވެސް ވަރުގަދަ ޕާސްވޯޑެއް ބޭނުންކުރުމަށް އިލްތިމާސްކޮށްފަ އެވެ.

ސްކޭމްތަކުން ކަސްޓަމަރުން ރައްކާތެރިކުރުމަށް ބޭންކުންވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފަ އެވެ. މި ހަފްތާގެ ކުރީކޮޅު ބޭންކުން ވަނީ ސްކޭންކޮށްގެން ޕޭމަންޓް ހަދާ ހުރިހާ މުއާމަލާތަކަށް ވަން ޓައިމް ޕާސްވޯޑް( އޯޓީޕީ) ޖަހަންޖެހޭ ގޮތަށް ހަމަޖައްސާފަ އެވެ. މީގެ އިތުރުން އޯޓީޕީ ޖެނެރޭޓްކުރުމަށް އޮތެންޓިކޭޓަރ އެޕް ތައާރަފްކުރުމާއި އޯޓީޕީ ފޮނުވާ ޑިފޯލްޓް ޗެނަލެއްގެ ގޮތުގައި އީމެއިލް ހުއްޓާލުމާއި ލޮގިންކުރާ ހާލަތްތަކުގައި އެލަރޓް ފޮނުވުމާއި އިންޓަރނެޓޭ އަދި މޮބައިލް ބޭންކިންގެ ހުރިހާ މުއާމަލާތަކަށް ޕުޝް ނޮޓިފިކޭޝަން ފޮނުވުން ހިމެނެ އެވެ.