Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން ޖޫރިމަނާކޮށްފި

ޓްރެފިކް ގަވާއިދަކާ ހިލާފުވި މައްސަލައެއްގައި އެމްޑީޕީ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބްރޭ) މިއަދު ޖޫރިމަނާކޮށްފި އެވެ.

މިކަމާ ހިތްހަމަނުޖެހިވަޑައިގެން އެކަން ސިޔާސީ ކަމެއްގެ ގޮތުގައި ސިފަކުރައްވައި، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ޓެގް ކުރައްވައި، ޖޫރިމަނާގެ ސްލިޕާ ވެސް އެކީ އިބްރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔުނީފޯމްގައި ހުރި ސްކޫލް ކުއްޖަކު ގޮވައިގެން ދަނިކޮށް ޓްރެފިކް ފުލުހުން ހުއްޓުވާ ވަރަށް ހަޑިކޮށް ފުލުހުން މުއާމަލާތްކޮށްފައިވާ ކަމަށެވެ.

"އޮރެންޖް ލައިޓް ދިއްލިފާ ހުއްޓާ ހުރަސްކުރި ކަމަށް ބުނެ ލައިސަންސް ކާޑު އަތުލައި ޖޫރިމަނާ ސްލިޕެއް ދީފި. މީ ޓްރިފްކް މައްސަލައެއްތޯ ނޫނީ ސިޔާސީ މައްސަލައެއްތޯ؟" އޭނަ ވިދާޅުވި އެވެ.

ފުލުހުން ސައިކަލްގައި ސްޓިކާ ޖެހުމާއި ޓްރެފިކް މައްސަލަތަކާ ގުޅޭ ގޮތުން އަޅާ ފިޔަވަޅުތަކާ ގުޅޭ ގޮތުން އަބަދު ވެސް އާންމުން ފާޑުކިޔަ އެވެ. އަދި ޖޫރިމަނާ އަކީ ދައުލަތަށް ފައިސާ ހޯދަން ކުރާ ކަމެއްގެ ގޮތުގައި ބައެއް މީހުން ސިފަކުރެ އެވެ.

މި އަހަރުގެ މިހާތަނަށް ޖޫރިމަނާގެ ގޮތުގައި 11 މިލިއަންއަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބިފައިވެ އެވެ.