ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ނައިބު ރައީސް ފައިސަލް ނަސީމާއި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ބައްދަލުކުރައްވައިފި އެވެ.
އެ ބައްދަލުވުން އޮތީ މިއަދު މެންދުރު ފަހު، ގާސިމްގެ ސަން އައިލޭންޑް ރިސޯޓްގަ އެވެ. ނަމަވެސް މި ބައްދަލުވުމާ ބެހޭ އެއްވެސް ތަފުސީލެއް ނުލިބެ އެވެ. ގާސިމާއި ފައިސަލް ބައްދަލުކުރައްވާފައި ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަށް، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ފައިސަލް ތާއީދުކުރައްވާ ކަމަށް ވިދާޅުވީ ޖޭޕީގެ ބައެއް އިސް ބޭފުޅުން ދާދި ފަހުން ފައިސަލް ޕާޓީން ވަކިވެވަޑައިގަތުމަށް ވެސް ގޮވާލައްވާފައި ވަނިކޮށެވެ.
ނަމަވެސް އެކަމާ ގުޅިގެން ފައިސަލް ވަކި އެެއްޗެއް ވިދާޅެއް ނުވެ އެވެ. ނަމަވެސް ނައިބު ރައީސްގެ ހައިސިއްޔަތުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމާއި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް އެހީތެރިވުމަކީ އެ މަނިކުފާނަށް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށް ފައިސަލް ވިދާޅުވި އެވެ.
ނައިބު ރައީސް ކަމަށް ވަޑައިގަތް ފަހުން ޖޭޕީގެ ސިޔާސީ ހަރަކާތްތަކުގައި ނައިބު ރައީސް ބައިވެރިވަޑައެއްނުގަންނަވަ އެވެ. ނަމަވެސް ޕާޓީއާ މެދު އެއްވެސް ކަހަލަ މައްސަލައެއް ނެތް ކަމަށް ފައިސަލް ވިދާޅުވެފައިވެ އެވެ.
ފައިސަލާއި ގާސިމް ބައްދަލުކުރައްވާފައި މި ވަނީ މި އަހަރުގެ ރިޔާސީ އިންތިހާބަށް ގާސިމް ނުކުންނަވާނެ ކަމަށް ބެލެވިފައިވާ ދަނޑިވަޅެއްގަ އެވެ. އަދި އެކަމަށް ޕާޓީގެ ވަރަށް ގިނަ ބަޔަކު އަަންނަނީ ގޮވައިލަމުންނެވެ. އަޑުތައް އަރާފައިވާ ގޮތުން ގާސިމްގެ ރަނިންމޭޓަކަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގެންނަން ވެސް މަޝްވަރާތަކެއް އަންނަނީ ކުރެވެމުންނެވެ.
ނަމަވެސް ގާސިމް ދޮގުކުރައްވާފައިވެ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރުމާއި އެހެން ޕާޓީއަކާ ކޯލިޝަން ހެދުމުގެ ބާރު މިހާރު އޮތީ ގާސީމަށް ދީފަ އެވެ.