Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ހިޔާގެ 136 ވަޒީފާ އަށް ބޮޑު ތަރުހީބެއް

ހިޔާ ޓަވަރުތައް ބަލަހައްޓައި ސާފު ކުރާނެ މުވައްޒަފުން ހޯދުމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން މިއަދު އޯޕަން ޑޭއެއް ފަށައިފި އެވެ.

އޯޕަން ޑޭ ކުރިއަށް ދަނީ ފޭސް 2 ގައި އަލަށް ހުޅުވި ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގަ އެވެ. މި އޯޕަންޑޭ މިރޭ 10 ޖެހުމާ ހަމައަށް ކުރިއަށްދާނެ އެވެ.

އެޗްޑީސީން ބުނީ ސެކިއުރިޓީ އެސިސްޓެންޓުންގެ ގޮތުގައި 88 މުވައްޒަފުން ނެގުމަށް ހަމަޖެހިފައިވާއިރު ޓަވަރުތައް ސާފުކުރުމުގެ މަސައްކަތައް ސަޕޯޓް ސްޓާފުންގެ ގޮތުގައި 48 މުވައްޒަފުން ނެގުމަށް ނިންމާފައިވާ ކަމަށެވެ. މިއާއެކު ޖުމްލަ 136 މުވައްޒަފުން ހިޔާޓަވަރު ބެލެހެއްޓުމުގެ މަސައްކަތަށް އެޗްޑީސީން ނަގާނެ އެވެ. މުވައްޒަފުންނަށް މަހަކު 10،500ރ. ލިބޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

ހިޔާ ޓަވަރުތަކަށް މީހުން ވަންނަން ފެށުމާއިއެކު އެންމެ ބޮޑު ކަންބޮޑުވުމަކީ އޮތީ ޓަވަރުގެ މެއިންޓެނެންސް މަސައްކަތްތަކާއި ރައްކާތެރިކަމެވެ. މީގެ އިތުރުން ޓަވަރުތައް ކުށުގެ ހާއްޔަކަށް ވިޔަ ނުދިނުމަށް، ޕޮލިސް ޕޯސްޓެއް ޓަވަރު ސަރަހައްދުގައި ވަނީ ޤާއިމްކޮށްފައެވެ. މީގެ އިތުރުން ހުރިހާ ޓަވަރެއްގައި މިދިޔަ އަހަރު ތެރޭ ސީސީ ޓީވީ ކެމެރާ ހަރުކޮށް ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ފުލުހުންނާއި ގުޅިގެން އެޗްޑީސީން ވަނީ ފަށާފަ އެވެ.

ހުޅުމާލޭ ފޭސް 2 ގައި ހިޔާ މަޝްރޫޢުގެ ދަށުން ޖުމްލަ 16 ޓަވަރު ވަނީ ޤާއިމްކޮށްފަ އެވެ. މިއީ 7000 ފްލެޓު ތަރައްޤީ ކުރުމަށް ކުރިއަށް ގެނދެވުނު މަޝްރުޢޫއެކެވެ. ކޮންމެ ޓަވަރެއްގައި 25 ބުރި ހުންނައިރު، މިއީ އެއް ސަރަހައްދެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން އެންމެ ގިނަ މީހުން ރާއްޖޭގައި ދިރިއުޅެމުންދާ ސަރަހައްދުވެސް މެ އެވެ.