Last Updated: July 26, 18:11
Monday, July 27, 2026
މުނިފޫހިފިލުވުން

ޓީނާގެ އާ ސިލްސިލާއެއް ސޮނީ އަށް

ކަލާސްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 16 ވަނަ ސީޒަންގައި ވާދަކުރި ޓީވީ ބަތަލާ ޓީނާ ދައްތާއާ އާ ސިލްސިލާއަކާ އެކީ ބެލުންތެރިންނަށް ބައްދަލުކުރަން ތައްޔާރުވާން ފަށައިފި އެވެ.

މި ސިލްސިލާ އަކީ ސޮނީ ޓީވީން އަންނަ މަހުގެ 10 ގައި ޕްރީމިއާކުރަން ހަމަޖެހިފައިވާ "ހަމް ރަހޭ، ނާ ރަހޭ ހަމް" އެވެ. މީގެ ޕްރޮމޯ ވެސް މިހާރު ދައްކަމުން އަންނަ އިރު، އެއިން ފެންނަ ގޮތުގައި މިއީ ވަރަށް ޝާހީ ފާޑުވެރިކަން ބޮޑު އަދި އެފަދަ އާއިލާއެއްގެ ނުފޫޒު ގަދަ އަންހެނަކާއި އޭނަގެ ފިރިހެން ދަރިންގެ ވާހަކަ ކިޔައިދޭނެ އެއްޗެކެވެ.

"ހަމް" ގެ ކާސްޓަށް ބަލާ އިރު، މީގެ އެންމެ ފާހަގަކޮށްލެވޭ އެކަކީ "ބިގް ބޮސް 15" ގައި ވާދަކުރި އެކްޓަރު ޖޭ ބަނުޝާލީ އެވެ. މީގައި އޭނައާ އެކީ ލޯބީގެ ރޯލަކުން ފެންނާނީ ޓީނާ އެވެ.

"އުތާރަން" އާއި "ޑާޔަން" ފަދަ ސިލްސިލާތައް ކުޅެފައިވާ ޓީނާ އަކީ އޭނަ "ބިގް ބޮސް 16" ގައި ވާދަކުރި އޭގެ ގަދަ 5 އަށް ދިޔަ ބައިވެރިންގެ ތެރޭގައި ހިމެނުނު އެކްޓަރު ޝާލިން ބެނޮޓްއާ "ފޭކް ލޯބީގެ ގުޅުމެއް" ބޭއްވި އަދި ޝޯ ބެލި ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި ރުންކުރު ބައިވެރިއެކެވެ.

ޓީނާ ސިލްސިލާއަކުން އަލުން ބެލުންތެރިންނާ ބައްދަލުކުރާ އިރު، "ބޭގާބޫ" ގެ ނަމުގައި ޝާލިންގެ އާ ސިލްސިލާއެއް ގެނެސްދޭން ކަލާސް އިން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. މި ފެންޓަސީ ސިލްސިލާ ފަަށާނީ މި މަހުގެ 18 ވަނަ ދުވަހުގެ ރެ އެވެ.