Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ރާއްޖެ އާއި ސައުދީން ޓޫރިޒަމް ކުރިއަރުވަނީ

ރާއްޖެ އާއި ސަޢުދީ ޢަރަބިއްޔާ ގުޅިގެން ޓޫރިޒަމް ކުރިއެރުވުމަށް މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާ ބައްދަލުވުން ކުރިއަށް ދިޔައީ ޖަރުމަނުވިލާތުގެ ބާލިންގައި ކުރިއަށް ދިޔަ މި އަހަރުގެ އިންޓަނޭޝަނަލް ޓޫރިޒަމް ބޯސޭ، (އައިޓީބީ) ފެއާގަ އެވެ. އޭގައި ސަޢުދީގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަލް ޚަތީބާ އެކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަޝްވަރާތަކެއް ކުރެއްވި އެވެ.

އެ ބައްދަލުވުމުގައި ރާއްޖެ އާއި ސަޢުދީ ގުޅިގެން ޓޫރިޒަމް ދާއިރާ ކުރިއެރުވޭނެ ގޮތްތަކާ މެދު ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.
އަދި ދެ ޤައުމުން ގުޅިގެން ތަރައްގީގެ މަޝްރޫއުތަކާއި، ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރެވޭނެ ގޮތްތަކާ މެދު ވެސް މަޝްވަރާކުރެއްވި ކަމަށް ޚަތީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ރާއްޖެ އަކީ ދުނިޔޭގެ ޓޫރިޒަމަށް ބަލާ އިރު އެންމެ ފާހަގަކޮށްލެވޭ އެއް ގައުމެވެ. ސައުދީގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ފްލައިނަސް އިން މެއި މަހުގެ ތެރޭގައި ރާއްޖެ އަށް ދަތުރުތައް ފަށަން ތައްޔާރުވަމުން އަންނަ އިރު، އެ ގައުމުގެ ގައުމީ އެއާލައިން ސައުދިއާ އަކީ މިހާރު ވެސް ރާއްޖެ އަށް ދަތުރުކުރާ އެއާލައިނެކެވެ.