ދެން ކޮންމެ ކޮންމެ ފިލްމަކަށް ސޮއެއް ނުކުރާނެ ކަމަށާއި ފިލްމަކަށް ސޮއިކުރާނީ އެއީ ދެވޭ ވަގުތު "ވޯތުވާ ވަރު" ގެ އެއްޗަކަށްވާ ނަމަ ކަމަށް ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާ ބުނެފި އެވެ.
ޝާހްރުކާ އެކީ ކުޅުނު 2018 ގެ "ޒީރޯ" ގެ ފަހުންނާއި ދަރިއަކު ލިބުނު ފަހުން އެކްޓިން އިން ބްރޭކެއް ނަގައިގެން ހުރި 34 ގެ ބަތަލާ ދާދި ފަހުން ވަނީ "ޗަކްދާ އެކްސްޕްރެސް" ކިިޔާ ކްރިކެޓް ފިލްމެއް ކުޅެފަ އެވެ. ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި އިއުލާން ނުކުރާ އެ ފިލްމުގައި ކްރިކެޓް ތަރި، ވިރާޓް ކޯލީގެ އަންހެނުން ފެންނާނީ އިންޑިއާގެ ކުރީގެ އަންހެން ކްރިކެޓް ތަރި، ޖޫލާން ގޮސްވާމީގެ ރޯލުންނެވެ.
އެންޓަޓައިންމަންޓް ނިއުސް އަށް ދިން އިންޓަވިއުއެއްގައި އަނުޝްކާ ބުނީ އޭނަ ސްކްރީނުން ފެންނަ މިންވަރު މަދުވުމަކީ ކަންބޮޑުވާ ކަމެއް ނޫން ކަމަށެވެ. އެހެންވެ އެތަން ފޫބެއްދުމަށްޓަކައި ކޮންމެ ކޮންމެ ފިލްމަކަށް ސޮއިނުކުރާނެ ކަމަށް ބުންޏެވެ.
"ދަރިއަކު ވެސް އޮތީމަ މިހާރު ކެރިއަރާ މެދު ދެކޭ ވެސް ގޮތް ތަފާތު. އެހެންވީމަ ދެން ފިލްމަކަށް ސޮއިކުރާނީ އެ އެއްޗަކީ އަހަރެން ދޭ ވަގުތު ވޯތުވާ ވަރުގެ އެއްޗަކަށްވާ ނަމަ." ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ބަތަލާ ބުންޏެވެ.
އަނުޝްކާ ބޮލީވުޑަށް ނުކުތީ ޝާހްރުކާ އެކީ ކުޅުނު 2008 ގެ "ރަބް ނެ ބަނާދީ ޖޯޅީ" އިންނެވެ.