އަންހެން މުވައްޒަފުންނަށް ސްޓެލްކޯއިން ހާއްސަ އެލަވެންސެއް ދޭން ވިސްނަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
އަންހެނުންގެ ދުވަސް ފާހަގަކުރަން ސްޓެލްކޯ އިން ބޭއްވި އިވެންޓެއްގައި ވާހަކަދައްކަމުން ޝަރީފް ވިދާޅުވީ ސްޓެލްކޯގެ މަސައްކަތަށް ޝައުގުވެރިވާ އަންހެން ކަނބަލުން އެ ކުންފުނީގެ ޓެކްނިކަލް މަސައްކަތަށް ކުރިމަތިލުމަށް ގޮވާލާ ކަމަށާއި އެގޮތުން މާ ދުރު ނޫން މުސްތަގުބަލެއްގައި އެފަދަ ފުރުސަތުތަކަށް ކުރިމަތިލާ އަންހެނުންނަށް އިތުރު އެލަވެންސެއް ދިނުމަށް ސްޓެލްކޯގެ ބޯޑަށް ހުށަހަޅާނެ ކަމަށެވެ.
"ބޭނުމަކީ ސްޓެލްކޯގެ ހުރިހާ ދާއިރާއެއްގައި އަންހެން ބޭފުޅުންނަށް މަސައްކަތުގެ މާހައުލު ތަނަވަސްވެފައި އޮތްކަން ޔަގީން ކުރުން." ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ސްޓެލްކޯގައި މިވަގުތު މަސައްކަތް ކުރާ 1،500 މުވައްޒަފުންގެ ތެރެއިން 230 މުވައްޒަފުންނަކީ އަންހެން މުވައްޒަފުން ކަމަށާއި ސްޓެލްކޯގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުން ގިނައީ މާލޭގައި ކަމަށެވެ. ނަމަވެސް އަތޮޅުތެރޭގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންގެ އަދަދު ވަރަށް ކުޑަ ކަމަށާއި މިކަން ހައްލު ކުރަން ސްޓެލްކޯގެ މެނޭޖްމެންޓާއި ބޯޑުގައި މަސައްކަތް ކުރާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ސްޓެލްކޯގައި އަންހެނުންނަށް މިހާރު ވެސް ހަމަހަމަ ފުރުސަތެއް ތަނަވަސްވެފައި އޮންނަ ކަމަށާއި ނަމަވެސް އަންހެނުން މަގާމުތަކަށް ކުރިމަތިލާން ހިތްވަރު ދިނުމަށްޓަކާ އިތުރު ކަންތައްތަކެއް ކުރަން ޖެހިފައިވާ ކަމަށް ގަބޫލުކުރާ ކަމަށް ވިދާޅުވި އެވެ.